ޚަބަރު

ފަލަސްތީނުގައި ވެރިކަން ކުރާނޭ އެހެން ފަރާތެއް އެމެރިކާއިން ހޯދަނީ


ޕަލެސްޓައިން އޮތޯރިޓީގެ ބަދަލުގައި ފަލަސްޠީނުގެ ވެރިކަންކުރާނެ ފަރާތެއް ހޯދާނެކަމަށް ވިދާޅުވެ އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ދައްކަވާފައިވާ ވާހަކަތައް ފަލަސްޠީނުން ކުށްވެރިކޮށްފިއެވެ.

އެމެރިކާއިން މެދު އިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ޖޭސަން ގްރީންބްލެޓް ދާދިފަހުން ވިދާޅުވެފައިވަނީ، ފަލަސްޠީނުގެ ރައްޔިތުންނަށް ހޯދައިދޭ ހައްލެއްގައި ޕަލެސްޓައިން އޮތޯރިޓީން ބައިވެރިވާންޖެހޭ ކަމަށާއި، މިފަދަ ހައްލެއްގައި ބައިވެރިނުވާނަމަ، ފަލަސްޠީނުގެ ވެރިކަންކުރަން އެހެން ފަރާތެއް ހޯދަންޖެހޭނެކަމަށެވެ.

މި ވާހަކަތައް ކުށްވެރިކުރައްވާ ފަލަސްޠީނުގެ ރައީސްގެ އިސް މުޝީރު ނަބިލް އަބޫ ރުދައިނާޙް ވިދާޅުވީ، ގްރީންބެލެޓްގެ މި ވާހަކަތައް ފަލަސްޠީނުން ޤަބޫލުނުކުރާ ކަމަށާއި، މި ވާހަކަތަކަކީ ފަލަސްޠީނުގެ ދާޚިލީ ކަންކަމަށް ހުރަސް އަޅާފަދަ ވާހަކަތަކެއްކަމަށެވެ.

އެމެރިކާގެ މި ވާހަކަތަކަކީ އެ ޤައުމުން މެދުއިރުމަތީގެ ސުލްޙައަށްކަމުގައި ބުނެ، އެންމެ ފަހުން އެކުލަވާލާފައިވާ ޕްލޭންގައި ހިމެނޭ ބައެއް ކަމަށާއި، ފަލަސްޠީނުން މިވާހަކަތަކަށް ރައްދު ދޭނީ އެމެރިކާގެ ޕްލޭނަށް ވެސް ރައްދު ދިން ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. ފަލަސްޠީނުން އެމެރިކާގެ މި ރޭވުންތައް ޤަބޫލުނުކުރާނެ ކަމަށްވެސް އަބޫ ރުދައިނާޙް ވިދާޅުވި.

އަބޫ ރުދައިނާޙް ވަނީ، ފަލަސްޠީނުގެ ޤައުމީ މަސްލަހާތުތަކާއި ގައުމީ ރޫޙު ނައްތާލުމަށް އެމެރިކާއިން ބޭނުންކުރާ މިފަދަ ރޭވުންތަކަށް ސަމާލުވެތިބުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.