ޚަބަރު

ބްރިޖްމަތީގައި ބާއްވާ ކައިވެނީގެ ޙަފްލާތައް މިއަދު ހަވީރު


ބުރިޖުމަތީގައި ބާއްވާ ކައިވެނީގެ ޙަފްލާތައް މިއަދު ހަވީރު އޮންނާނެއެވެ.

ބްރިޖު މަތީގައި އަލަތު ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަޢުދެކެވެ. އަދި މިއީ ޒުވާނުންނަށް އެމަނިކުފާނު ދެއްވާ ޚާއްޞަ ހަދިޔާއެކެވެ.

ބުރިޖުގެ މަތީގައި މިއަދު ފަސް ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޙަފްލާތައް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ހައުސިންގ މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ. ވަކިވަކިން ބާއްވާ މި ޙަފްލާތައް ކުރިއަށްދާނީ ބުރިޖުގެ އެކި ސަރަޙައްދުތަކުގައެވެ.

ބުރިޖުމަތީގައި ކައިވެނި ހަފްލާތައް ބާއްވާ ޒުވާނުންނަށް ބޭނުންވާ ޚަރަދުގެ ބައެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ކައިވެނި ހަފްލާގެ ސައިގެ ކަންތަކާއި ފޮޓޯނެގުމާއި ޑެކަރޭޝަނަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުންނެވެ. މީގެ އިތުރުން ކައިވެނި ޙަފްލާއަށް ގިނަވެގެން 50 މީހުންނަށް ދައުވަތު ދެވޭނެކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

މި ކައިވެނި ހަފްލާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 5 ތީމަކަށެވެ. އޭގެތެރޭގައި ދިވެހި ސަޤާފަތް ދައްކުވައިދޭ ތީމަކާއި، ސަންސެޓް، ވިންޓޭޖް، ޗައިނީޒް އަދި ފްލޯރަލް ތީމް ހިމެނެއެވެ.

ކައިވެނީގެ ހަފްލާތައް ކުރިއަށްދާނީ ހަވީރު ހަތަރަކުން ހަޔަކަށެވެ. އަދި މިރޭގެ ނުވައެއްޖެހުމާ ހަމައަށް ފޮޓޯ ނެގުމުގެ ކަންކަން ކުރިއަށްގެންދިއުމުގެ ފުރުޞަތުދޭނެކަމަށް ހައުސިންގ މިނިސްޓރީން ބުނެއެވެ.