ކުޅިވަރު

ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު މޮޑްރިޗަށް


ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑުގެ ކްރޮއޭޝިޔާ މިޑްފީލްޑަރު ލޫކާ މޮޑްރިޗަށް ދީފިއެވެ.

މިއީ ބާސެލޯނާގެ ލަޔޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ޑޮމިނޭޓް ކުރަމުންދިޔަ އިނާމަ ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި އެހެން ކުޅުންތެރިއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
މޮޑްރިޗަށް މޮޅު ކުޅުންތެރިޔާގެ މަޤާމާއި މޮޅު މިޑްފީލްޑަރުގެ މަޤާމު ލިބުނުއިރު އެންމެ މޮޅު ފޯވަޑަކީ ރޮނާލްޑޯއެވެ. އެންމެ މޮޅު ޑިފެންޑަރަކީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. އެންމެ މޮޅު ކީޕަރަކީ އެ ޓީމުގެ ކޮސްޓަރިކާ ކީޕަރު ކޭލާ ނަވާސްއެވެ.
ރޭ އޮތް ޗެމްޕިއަންސް ލީގުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި މޮޑްރިޗަށް މިއިނާމް ލިބުނުއިރު އޭނާއާ އެންމެ ވާދަކުރީ އޭނާއާއެކު ރެއާލްއަށް ކުޅުނު ރޮނާލްޑޯ އާއި ފައިނަލުގައި ކުޅުނު ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހެވެ.
ރޮނާލްޑޯ ރެއާލް ދޫކޮށް އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވެފައިވާއިރު މިދިޔަ ސީޒަނުގެ މުބާރާތުގެ އެންމެ މޮޅު ގޯލަށް ހޮވުނީ ޔުވެންޓަސް ކޮޅަށް އޭނާ ޖެހި ގޯލެވެ.
ކްރޮއޭޝިޔާގެ ކެޕްޓަން މޮޑްރިޗަކީ މިދިޔަ ޖުލައި މަހު ނިމުނު ވަރލްޑް ކަޕުގެ ވެސް މޮޅު ކުޅުންތެރިޔާއެވެ.

"ރެއާލް އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައި، ވަރލްޑް ކަޕުގައި ފައިނަލުގައި ނެޝަނަލް ޓީމާއެކު ކުޅެފައި މިއެވޯޑް ލިބުމުން ވަރަށް އުފާވެއްޖެ. އަހަންނަށް މިލިބުނު އިނާމްތަކާމެދު އަހަރެން އުފާކުރަން،" މޮޑްރިޗް ބުންޏެވެ.

"އަހަރެން ބުނީ މިދިޔަ ސީޒަނަކީ އަހަރެންގެ ކެރިއަރުގެ އެންމެ ބަރާބަރު އަހަރޭ. ޓީމަށް ބެލިކަމުގައިވިޔަސް އަދި އަހަރެންގެ އަމިއްލަ ކާމިޔާބީއަށް ބެލި ނަމަވެސް އެކަން އޮތީ އެގޮތަށް،" މޮޑްރިޗް ބުންޏެވެ.