ޚަބަރު

100 ޑޮލަރާއި 50 ޑޮލަރުގެ ވަގު ނޫޓުތަކެއް ދައުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


100 ޑޮލަރާއި 50 ޑޮލަރުގެ ވަގު ނޫޓުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް މަރުކަޒީ ބޭންކުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން ބުނީ 100 ޑޮލަރާއި 50 ޑޮލަރުގެ ވަގު ނޫޓުތަކެއް ދައުރުވަމުންދާތީ ރާއްޖޭގެ ހުރިހާ ބޭންކެއްގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ. އަދި މިފަދަ ނޫޓެއް ފެނިއްޖެނަމަ އެމްއެމްއޭއާ ހަވާލުކުރުމަށްވެސް އެމްއެމްއޭއިން ވަނީ އަންގާފައެވެ.

ރާއްޖޭގައި ވަގު ފައިސާ ދައުރުވުން ހުއްޓުވުމަށް އެމްއެމްއޭއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ފައިސާ، ރަންދިހަ ފަހެއްގެ ނޫޓޫތައްވެސް ތައްޔާރުކޮށްފައިވަނީ ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަކާއެކުގައެވެ. މީގެ އިތުރުން މިފަދަ ކަންކަމަށް އާންމުން ހޭލުންތެރި ކުރުމަށްވެސް ޚާއްޞަ މަސައްކަތްތަކެއް އެމްއެމްއޭއިން ދަނީ ކުރަމުންނެވެ.