ކުޅިވަރު

ޔުވެންޓަސްއާއެކު ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް


ޔުވެންޓަސްއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑާ ވާދަކުރަންޖެހިއްޖެއެވެ.

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މި ދެ ޓީމު އެއް ގްރޫޕެއްގައި ހިމެނުނުއިރު މި ގްރޫޕުގައި ދެން ހިމެނެނީ ސްޕޭނުގެ ވެލެންސިއާ އާއި ޔަންގް ބޯއީސްއެވެ.
މިއީ ރޮނާލްޑޯ 2009 ވަނަ އަހަރު ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި ފަހުން ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ވާދަވެރި ފުރަތަމަ މެޗެވެ.
އޭނާ އެންމެ ފަހުން ކުޅުނު ރެއާލް މެޑްރިޑަކީ މުބާރާތުގެ އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަނުންނެވެ. މި ކާމިޔާބީގައި ރޮނާލްޑޯގެ ހިއްސާ ބޮޑެވެ. ނަމަވެސް އޭނާ ނެތި ކުޅޭ ފުރަތަމަ ސީޒަނުގައި ރެއާލް ހިމެނުނީ ޖުމުލަކޮށް ފަސޭހަ ގްރޫޕެއްގައެވެ. ރެއާލްއާއެކު ގްރޫޕޮ ޖީގައި ހިމެނެނީ އިޓަލީގެ ރޯމާ އާއި، ސީއެސްކޯ މޮސްކޯ އަދި ވިކްޓޯރިއާ ޕްލަޒެން އެވެ.

އިނގިރޭސިވިލާތުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ހިމެނުނީ ނިސްބަތުން ފަސޭހަ ގްރޫޕެއްގައެވެ. ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ކޯޗުކޮށްދޭ ޓީމާއެކު ދެން ހިމެނެނީ ފްރާންސްގެ ލިއޯން އާއި ހޮފެންހެއިމް އަދި ޝަކްޓާ ޑޮނެސްޓެވެ.

ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑް ހިމެނުނީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑާއި ފްރާންސްގެ މޮނާކޯ އަދި ކްލަބް ބްރޫޖާ އެއް ގްރޫޕެއްގައެވެ.