ކުޅިވަރު

ބާސެލޯނާ އާއި ޕީއެސްޖީ އުނދަގޫ ގްރޫޕަކަށް


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ސްޕޭނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އުނދަގޫ ގްރޫޕެއްގައި ލައްވާލައިފިއެވެ.

ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ބާސެލޯނާ ހިމެނުނީ އިނގިރޭސިވިލާތުގެ ޓޮޓެންހަމާއި، ނެދަލޭންޑްސްގެ ޕީއެސްވީ އަދި މުބާރާތުގެ ކުރީގެ ޗެމްޕިއަން އިޓަލީގެ އިންޓަމިލާނާ އެއް ގްރޫޕެއްގައެވެ.
ތަރިން ގިނަ އަދި މުއްސަނދި ޕީއެސްޖީ ހިމެނުނީ އެންމެ ފަހުގެ ރަނަރަޕް ލިވަޕޫލާ އެއް ގްރޫޕެއްގައެވެ. މި ގްރޫޕުގައި ދެން ހިމެނުނީ އިޓަލީގެ ނަޕޯލީ އާއި ރެޑްސްޓާ ބަލްގްރޭޑެވެ.
މުބާރާތުގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ޕީއެސްޖީ އާއި ނަޕޯލީ އަކީ މޮޅު ދެ ޓީމު ކަމަށާއި، މިފަދަ ގްރޫޕެއްގައި ލިވަޕޫލް ހިމެނެން އެ ދެ ޓީމުން ވެސް ބޭނުންނުވާނެ ކަމަށެވެ.

"މި ގްރޫޕުގައި ތިބި ޓީމުތަކާމެދު މާބޮޑަށް ވިސްނާކަށްނުވާނެ. އެހާބޮޑަށް ވިސްނަންޏާ ކަޓާފާނެ. ދެން މި ގްރޫޕުގައި ތިމަންނަމެންނަކީ ބަލި ޓީމެއް ކަމަށް ގަބޫލު ކުރަންޏާ ވެސް ކަޓާފާނެ،" ކްލޮޕް ބުންޏެވެ.