ކުޅިވަރު

އުމެއިރު ބާކީކޮށް، ސާފް ސުޒުކީ ކަޕަށްދާ ސްކޮޑް ފައިނަލްކޮށްފި


ތަޖުރިބާކާރު މިޑްފީލްޑަރ މުޙައްމަދު އުމެއިރުވެސް ބާކީކޮށް، ސާފް ސުޒުކީކަޕަށްދާ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމްގެ ސްކޮޑް ފައިނަލްކޮށްފިއެވެ.

ޤަޠަރުގައި ކުރިއަށްދާ ފަރިތަކުރުންތަކަށްފަހު ރޭ ސްކޮޑް ފައިނަލްކުރިއިރު ފުރުޞަތު ގެއްލުނު އެންމެ މުޙިއްމު ކުޅުންތެރިއަކީ ނިއުރޭޑިއަންޓްގެ މުޙައްމަދު އުމެއިރުއެވެ. ޓީމާއެކު ޤަޠަރަށްދިޔަ ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާ ބޮޑު އެއް ކުޅުންތެރިޔާއަށް ފުރުޞަތު ނުދިނީ އަނިޔާގެ ސަބަބުން، ރިސްކެން ނުނަގަންކަމަށް ޤައުމީ ކޯޗު ޕީޓަރ ސެގާޓް ބުންޏެވެ. އުމެއިރުއަކީ ވިކްޓްރީއާއި، މާޒިޔާއާއި، ވީބީ އަދި ނިއުގައި މޮޅަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އުމެއިރުގެ އިތުރުން ފައިނަލް ސްކޮޑުން ފުރުޞަތު ގެއްލުނީ ޓީސީގެ ދެ ކުޅުންތެރިންކަމަށްވާ މުޙައްމަދު އައްޒާމްއާއި، މުޙައްމަދު ސާމިރުއާއި، ގްރީން ސްޓްރީޓްސްގެ ޑިފެންޑަރ މުހައްމަދު ސާއިފްއާއި، ކުލަބް އީގަލްސްގެ ހަސަން ރާއިފް އަހުމަދުއެވެ. އުމެއިރުގެ އިތުރުން ފުރުޞަތު ގެއްލުނު ކުޅުންތެރިންނަށް ފައިނަލް ޓީމުން ޖާގަ ގެއްލުނީ ޤަޠަރުގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި އެންމެ އަކަށީގެންވާ ގޮތުގައި ޕޯފޯމް ނުކުރެވޭތީކަމަށް ކޯޗު ސެގާޓް ބުންޏެވެ.

މިފަހަރު ޓީމުން ފުރުޞަތު ގެއްލުނު މުހައްމަދު އުމެއިރަކީ ޤައުމީ ޓީމަށް މިހާތަނަށް 60 މެޗް ކުޅެދީފައިވާ ކުޅުންތެރިއެކެވެ. އުމެއިރު އެންމެ ފުރަތަމަ ޤައުމީ ޓީމުން ޖާގަ ހޯދީ 2007 ވަނަ އަހަރު ޔަމަންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެމެޗުގައި އުމެއިރު ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެފައެވެ. މިހާތަނަށް ޤައުމީ ޓީމަށް 8 ގޯލް ކާމިޔާބުކޮށްދީފައިވާ އުމެއިރުއަކީ 2008 ވަނަ އަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕް ތަށި ހޯދިއިރު ބެންޗްގައި އިން ކުޅުންތެރިއެކެވެ.

ސާފް ސުޒުކީ ކަޕަށް ޤައުމީ ޓީމް ބަނގްލަދޭޝްއަށްދާނީ އަންނަ އާދިއްތަ ދުވަހު ޤަޠަރުންނެވެ. ޓީމްގައި ހިމެނެނީ 22 ކުޅުންތެރިންނެވެ.