ޚަބަރު

ސިނަމާލެ ބްރިޖް ހުޅުވުމުގެ ތާރީޚީ ރަސްމިއްޔާތުގައި ރެކޯޑް ޢަދަދަކަށް މީހުން ބައިވެރިވެއްޖެ


ދިވެހި ތާރީޚު ބަދަލުކޮށްލި ސިނަމާލެ ބްރިޖު ހުޅުވުމުގެ ތާރީޚީ ރަސްމިއްޔާތުގައި ރެކޯޑް ޢަދަދަކަށް މީހުން ބައިވެރިވެއްޖެއެވެ. 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށި ބްރިޖްގެ މަސައްކަތް ނިމި ބްރިޖް ހުޅުވުމަށް ބެއްވި ޚާއްސަ ރަސްމިއްޔާތު އިންތިޒާމު ކުރެވުނީ ވީހާވެސް ގިނަ ޢަދަދެއްގެ މީހުންނަށް ބައިވެރިވެވޭނެ ފަދަ ގޮތަކަށެވެ.

އެގޮތުން ރާޅުގަނޑު ސަރަހައްދުން ފެށިގެން އާޓިފިޝަލް ބީޗްގެ ސްޓޭޖްހުރި ސަރަހައްދާހަމައަށް ޢާންމު ފަރާތްތަކަށާއި، ދަޢުވަތު އެރުވައިގެން ވަޑައިގެންނެވި ބޭފުޅުންނަށް ޚާއްސަކޮށްގެން ގޮނޑިޖަހައި އެސަރަހައްދު ވަރަށް ބޮޑަށް ތައްޔާރުކުރިއެވެ. ރަސްމިއްޔާތު ފެށުމުގެ ގަޑިއެއްހާއިރު ކުރިން ޢާންމު ފަރާތްތަކުން ޖަލްސާ ބާއްވާ ސަރަހައްދަށް ވަނުމަށް ކިއުހެދި މަންޒަރުވެސް ފެނިގެންދިޔައެވެ.

ޖަލްސާފެށިގެން ދިޔައިރު ހުރިހާގޮނޑިތައް ފުރި އެތައްބަޔަކު ރިންގ ރޯޑާއި އާޓިފިޝަލް ބީޗްގެ ވަށައިގެން ތިބި މަންޒަރު ފެނިގެންދިޔައެވެ. ދައުލަތުގެ ވަޒީރުންނާއި، ޢިއްޒަތްތެރިންނާއި، ސަރުކާރުގެ މަތީފެންވަރުގެ ބޭފުޅުންގެ އިތުރުން ބޭރު ޤައުމުތަކުގެ ސަފީރުންނާއި، ޗައިނާގެ އިސް ވަފްދުގެ އިތުރުން ބްރިޖްގެ މަސައްކަތްކުރި ޗައިނާގެ އިންޖިނޭރުންގެ ޓީމްތަކާއި، އެކިޢުމުރުފުރާތަކުގެ ޢާންމުން މިރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަކީ ވީހާވެސްބޮޑަށް ރައްޔިތުން ބައިވެރިކޮށްގެން ކުރިއަށްގެންދާ ކަމަކަށް ހެއްދެވުމަށް ސަރުކާރުން އިދިކޮޅު ޕާޓީތަކުގެ ބޭފުޅުންނަށްވެސް ދަޢުވަތު ދެއްވާފައިވާއިރު މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު އަޙުމަދު ނާޝިދާއި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވެސް ބައިވެރިވެވަޑައިގަތެވެ.

މިޖަލްސާއަށް ހާޒިރުވި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސްވަނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޤައުމަށް ގެންނަވަމުންދާ ތަރައްޤީ ބަލައިގަނެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް ގިނަޢަދަދެއްގެ ބަޔަކު ހާޒިރުވިކަން ފާހަގަކުރައްވައި އެކަމުގެ އުފާވެރި ޝުއޫރުތައް ފާޅުކުރައްވާފައެވެ.

ފަހަކަށް އައިސް ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް ބާއްވާ ހަފްލާތަކުގައި ކުރިއަށްގެންދާ ބަޑިބޭހުގެ ކުޅިވަރުތައް ބާލާލުމަށް މީހުން އެއްވިނަނަވެސް، ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާޓުގައި ކުރިއަށްގެންދިޔަ ހަވާއެރުވުމުގެ ހަރަކާތާއި ލޭޒަރޝޯވް ވެސް ވެގެންދިޔައީ އާންމުންގެ އެތަށްބައެއްގެ ތާރީފު ލިބުނު ހަރަކާތަކަށެވެ.

އެގޮތުން ބަޑިބޭހުގެ ހަރަކާތް ކުރިއަށްގެންދިޔަ ވަގުތު، އިތުރަށް މީހުން ގިނަވެ ހެންވޭރުގައި ބްރިޖް ހިމެނޭ ސަރަހައްދުގައި ހުރި ގެތަކުގެ މަތީންވެސް އެތައްބަޔަކު އެމަންޒަރު ބަލަމުންދިޔައެވެ. އަދި ސަރަޙައްދުގެ ތޮއްޖެހުން ކުޑަވާނެގޮތަށް އިންތިޒާމްތައް ހަމަޖައްސައި އެމަންޒަރުތައް ފަސޭހައިން ފެންނާނެ ގޮތަށް ބަހައްޓާފައިވާ ސްކްރީންތަކުންބެލުމަށްވެސް އެތައްސަތޭކަ ބަޔަކު އާޓިފިޝަލް ބީޗްސަރަހައްދުގައި ތިއްބެވެ.

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރިއަށްދިޔަ ހުރިހާ ބައިތަކެއްވެސް ވެގެންގޮސްފައިވަނީ އާންމުން ގަޔާވި އަދި ޝައުގުވެރިކަމާއެކު ބަލަމުންދިޔަ ހަރަކާތަކަށެވެ.