ޚަބަރު

ރީރަޖިސްޓްރޭޝަނާބެހޭ ސިއްރު މައުލޫމާތު ލީކުވިކަމުގެ ހެއްކެއް ނެތް - ޝަރީފް


ރީ ރަޖިސްޓްރޭޝަންއާ ގުޅޭ މައުލޫމާތުތައް ޕީޕީއެމްއަށް ލީކުވެފައިވާކަމުގެ ހެއްކެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުގެ ޑޭޓާތައް ޕީޕީއެމަށް ލީކްވެފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އިންތިޚާބާ ގުޅިގެން ސިއްރުކުރަން ޖެހޭ އެއްވެސް ލިޔުމެއް ޕީޕީއެމަށްވެސް އަދި އެހެން ޕާޓީއަކާވެސް ޙިއްޞާކޮށްފައި ނުވާނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ތެރެއިން އެފަދަ ޑޭޓާތަކެއް ލީކްވިކަމުގެ ހެއްކެއް އެކޮމިޝަނުގެ ނެޓްވޯކުން ފެންނަން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައިސް ވިދާޅުވިއެވެ.

އެގޮތުން އީސީގެ ޑޭޓާތަކެއް ޕީޕީއެމަށް ލީކުވެފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައާ ގުޅިގެން ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއިން އެ މައްސަލަ ތަހުޤީގުކޮށް ރިޕޯޓެއް ނެރެފައިވާ ކަމަށާއި އެ ރިޕޯޓްގައިވެސް އެފަދަ އެއްވެސް ކަމެއް ހިމަނާފައި ނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބުގެ ރީ-ރަޖިސްޓްރޭޝަންއާ ގުޅޭ މައުލޫމާތުތައް އަދި ސިއްރުކުރަން ޖެހޭ ލިޔުންތަކެއް ޕީޕީއެމަށް ލީކުވެފައިވާ ކަމަށް ބުނެ ބަޔަކު އަޑު ފަތުރަމުންދަނީ ރިޔާސީ އިންތިޚާބަށް ނުފޫޒް ފޯރުވައި، އިންތިޚާބާމެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދައި، އިންތިޚާބާމެދު ރައްޔިތުންނަށް އޮތް އިތުބާރު ނަގާލުމަށް ކަމަށެވެ.

ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވާށާއި އިންތިޚާބުގެ އިތުބާރު ނަގާލުމަށް ބަޔަކު މީހުން ކެނޑި ނޭޅި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން އިންތިޚާބުގެ އިތުބާރު ނަގާލުމަށްޓަކާ ދުރާލާ ރާވައިގެން ޞައްހަ ނޫން ފޯމްތައް ހުށަހެޅުމާއި އެކޮމިޝަނުގެ ވެބްސައިޓްތަކަށް ހަމަލާދޭން މަސައްކަތް ކުރުމާއި، އެކޮމިޝަނާ ގުޅޭގޮތުން ރައްޔިތުންނަށް ދޮގު މަޢުލޫމާތު ދީގެން އިތުބާރު ނަގާލަން ބަޔަކު ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.