ޚަބަރު

ކޮލަމާފުށީ ޕީޕީއެމް ޖަގަހައާއި މުދަލަށް ގެއްލުންދިން 18 މީހަކު ހައްޔަރުކޮށްފި


ގއ. ކޮލަމާފުށީގައި ހުރި ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުންދިން މައްސަލައިގައި 18 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮލަމާފުށީގައި ހުރި ޕީޕީއެމްގެ ޖަގަހަ އަކަށް ގެއްލުންދީ އެ ސަރަހައްދުގައި ދަމާފައި ހުރި ބެނާތަކަކާއި ދިދަތަކެއް ކޮށާލި މައްސަލައާއި ގުޅިގެން 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ގއ. ކޮލަމާފުށީގައި ހުރި ޕީޕީއެމް ޖަގަހައަށް ގެއްލުންދީ އެ ސަރަހައްދުގައި ދަމާފައި ހުރި އެޕާޓީގެ ބެނާތަކާއި ދިދަތައް ކޮށާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެމްޕެއިންގައި ހަރަކާތްތެރިވިބައެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި މައްސަލަ ވެރިކަންކުރާ ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ވަނީ ހުށަހަޅާފައެެވެ.

ޕީޕިއެމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ބުނީ އެމްޑީޕީ ސަޕޯޓަރުންތަކެއް ކޮލަމާފުށީގައި ދަމާފައި ހުރި ޕީޕީއެމްގެ ދިދަތަކެއް ކަނޑާލައި އެ ޕާޓީގެ ޖަގަހައަށް ގެއްލުންދީފައިވާ ކަމަށެވެ. އަދި އެ މީހުން، ޕީޕީއެމްގެ ސަޕޯޓަރުންނާ މާރާމާރީ ހިންގާފައިވާ ކަމަށާއި އެ މާރާމާރީގައި އަނިޔާވި ޕީޕީއެމްގެ 10 މީހަކަށް އެރަށު ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް ޕީޕީއެމުން ބުނެއެވެ.

ކޮލަމާފުށީ ބަނދަރު ސަރަހައްދުގައި ހުރި ޕީޕީއެމްގެ ބައެއް މޮނިއުމަންޓްތަކަށްވެސް ގެއްލުންދީފައިވާ ކަމަށާއި ޕީޕީއެމުން ދަމާފައި ހުރި ގިނަ އަދަދެއްގެ ދިދަތަކެއް މޫދަށް އުކާލާފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ. މިކަން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވަނީ ކުށްވެރިކުރައްވާފައެވެ.