ޚަބަރު

ކަނޑުހުރަސްކޮށް ގުޅުވާލި އުންމީދީ ބުރިޖު މުޅި ދުނިޔޭގައިވެސް ޚާއްޞަ!


މާލެއާއި ހުޅުލެއާ ދެމެދު ތަރައްޤީކޮށްފައިވާ، ސިނަމާލެ ބްރިޖަކީ މިހާތަނަށް ދުނިޔޭގައިވެސް މުރަކައިން އުފެދިފައިވާ 2 ރަށް ކަނޑު ހުރަސްކޮށް ގުޅާލި ފުރަތަމަ ބުރިޖެވެ. މި ބުރިޖަކީ ދިވެހި ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މުޅި ރާއްޖޭގެ ތަރައްޤީއާއި، ދިވެހިންގެ އުންމީދުގެ ހަރުފަތްތައް އެތައް ދަރަޖައަކަށް އުފުލާލި މަޝްރޫޢެކެވެ.

ސިނަމާލެ ބުރިޖަކީ ސަރުކާރުން ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ތަފާތު އެއް މަޝްރޫޢެވެ. ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކުންފުންޏާ ޙަވާލުކޮށްގެން އެޅި މި ބުރިޖު ޚާއްޞަވަނީ ހަމައެކަނި ޢުމްރާނީ ގޮތުން އެކަންޏެއް ނޫނެވެ. ސިނަމާލެ ބުރިޖަކީ މިހާތަނަށް ދުނިޔޭގައިވެސް މުރަކައިން އުފެދިފައިވާ 2 ރަށް ކަނޑު ހުރަސްކޮށް ގުޅާލި ފުރަތަމަ ބުރިޖުވެސްމެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ބިޔަ އެތައް މަޝްރޫޢުތަކަކާއި، އެތައް ބުރިޖުތަކެއްގެ މަސައްކަތްކޮށްފައިވާ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކުންފުނިން ބުނީ މިއީ އެ ކުންފުނިން މިހާތަނަށް ކުރިއަށްގެންދިޔަ އެންމެ ތަފާތު އެއް މަޝްރޫޢުކަމަށެވެ.

ސިނަމާލެ ބުރިޖާ ގުޅޭ ގޮތުން ދިރާސާކޮށް މި މަޝްރޫޢާގުޅޭ ޚާއްޞަ ފޮތެއް ލިޔަމުންދާ އަޙްމަދު ޝިޔާމް ވިދާޅުވީ، މި މަޝްރޫޢު ކުރިއަށްގެންދިޔަ ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ އަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ބުރިޖު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ މަޝްހޫރު ކުންފުންޏެއްކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންނަކީވެސް ވަރަށް އާދަޔާ ޚިލާފު ބައެއްގޮތުގައި ޝިޔާމް ސިފަކުރެއްވިއެވެ. އެގޮތުން ވާރެއާއި އަތްވަށް ބެލުމެއްނެތި ޝެޑިއުލާއެއްގޮތަށް މަސައްކަތްކުރިއަށް ގެންދިޔުމަކީ އެމީހުން ވަރަށް ޚާއްސަ އިސްކަމެއް ދޭކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ ސިނަމާލެ ބުރިޖުގެ މަޝްރޫޢު ކުރިއަށްގެންދިޔަ ސީސީސީސީ ސެކަންޑް ހަރބަރ އިންޖިނިއަރިންގ ކުންފުންޏަށްވެސް މި މަޝްރޫއަކީ ތަފާތު މަޝްރޫއެއްކަން އެކުންފުނިން ފަހަގަކުރާކަމަށެވެ. އެގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގައި ބުރިޖު އެޅުމުގެ މަސައްކަތް ކޮށްފައިވީނަމަވެސް މިއީ މިހާތަނަށް މުރަކައިން އުފެދިފައިވާ 2 ރަށް ކަނޑު ހުރަސްކޮށް ގުޅާލުމަށް އެކުންފުނިން ކުރިއަށްގެންދިޔަ ފުރަތަމަ މަޝްރޫޢުކަން އެކުންފުނިން ފާހަގަކުރާކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ޗައިނާ އެމްބަސީ މީހުންނާވެސް ވާހަކަދެކެވުނު. އަދި މިތަނުގައި ހުރި ޕްރޮފެސަރ ޑޫން، އޭނާ ބުނީ މިއީ ތިމަންނާމެނަށް ވަރަށް އައު ކަންތައްތަކެކޭ. އެއީ ދުނިޔޭގައި މިހާރަކު ނެތޭ މުރަކައިން މުރަކަޔަށް ގުޅާލެވިފައިވާ އެއްވެސް ބުރިޖެއް. އެކުންފުނިން ހެދި ބްރިޖްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ތަފާތު 10 ބުރިޖުގެ ތެރޭގައި މިބުރިޖު ހިމެނޭ. މިއީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު ފަޚުރަކާ ޝަރަފެއް." ޝިޔާމް ވިދާޅުވިއެވެ.

ބުރިޖުގެ އިންޖިނިއަރިން މަސައްކަތަކީވެސް އާދައިގެ މަސައްކަތެއް ނޫނެވެ. މާލެއާ ހުޅުލެއާ ދެމެދަކީ ކ. އަތޮޅުގެ ބޮޑު ކަނޑުއޮޅިއެއްކަމުން އެތަނުގެ ފުންމިނާއި، އޮއިވަރު ހުންނަ މިންވަރަކީ ޢާންމު ރައްޔިތުންގެ ސިކުނޑިން ވިސްނައިގެން ތަޞައްވުރު ކުރެވޭނެ ކަންކަމެއް ނޫނެވެ. ބުރިޖުގެ މަޝްރޫޢު ފެށުމަށް ދިރާސާ ކުރިއިރުގެ ތަޖުރިބާ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ޙިއްޞާ ކުރެއްވިއެވެ.

"ޓެކްނިކަލް މީހަކު ކިޔައިދިން ގޮތުގައި މަސައްކަތްކުރަމުންދިޔައިރު ޓެސްޓުހަދަންވެގެން ކަނޑު ތެރެއަށް އެއީ "ގާދޫ ކޮލު"ގެ ތެރެއަށް ފޮނުވި ބައެއް ދަގަނޑު ރޮޑު މައްޗަށް ނަގާއިރު ހުންނަނީ ބަޅުވެފައި، އޮއި ގަދަކަމުން. އެހާ އޮއި ބާރު ކަނޑު އޮޅިއެއް މިއީ. ޓެކްނިކަލް ބޭފުޅުން އެބަ ވިދާޅުވޭ 2 މަސްދުވަސް ވަންދެން އެއް ތަންބު ކައިރީ ބާޖު ބާއްވައިގެން ކްރޭން ބައްވައިގެން އޮންނަން ޖެހުނޭ މަސައްކަތް ނުކުރެވިގެން ކަނޑު ގަދަކަމުން." މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

ބުރިޖުފަދަ ބޮޑެތި މަޝްރޫޢުތައް ކުރިއަށްދާއިރު، ދިމާވާ އެކި ޙާދިސާތަކުގައި މީހުންގެ ފުރާނައަށް ގެއްލުންވުމާއި އެކިކަހަލަ ބޮޑެތި އަނިޔާތައް ވާ ވާހަކައަކީ ޢާންމުކޮށް ދެކެވޭ ވާހަކައެއް ނަމަވެސް، ސިނަމާލެ ބުރިޖުގެ މަސައްކަތް ނިމުނުއިރުވެސް މީހެއްގެ ފުރާނައަށް ގެންލުންވާވަރުގެ ހާދިސާއެއް ދިމާވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. މި މަސައްކަތްކުރި ކުންފުނިން ބުނީ މި މަސައްކަތުގެ ތެރޭގައި މީހެއްގެ ފަޔަށް ގެއްލުންވުން ފިޔަވައި ސީރިއަސް އެއްވެސް އަނިޔާއެއް މީހަކަށް ވެފައި ނުވާކަމަށެވެ.

ސިނަމާލެ ބުރިޖަކީ އެތައްގޮތަކުން ދިވެހިންގެ ޢުންމީދުތަކާ ގުޅިފައިވާ އުންމީދުގެ ބުރިޖެކެވެ. މި ބުރިޖަކީ ދުނިޔޭގައިވެސް ޚާއްޞަ ބުރިޖެކެވެ.