ޚަބަރު

ސޫޗީ މަޤާމުން އިސްތިޢުފާ ދޭން ޖެހޭ- ރަޢުދުލްޙުސައިން


މިދިޔަ އަހަރުގެ އޯގަސްޓް މަހު މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގެ ރަކާންގައި ދިރިއުޅެމުންދިޔަ ބައިމަދު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ މައްސަލައިގައި އެ ޤައުމުގެ ލީޑަރު އައުން ސަން ސޫޗީ މަޤާމުން އިސްތިޢުފާ ދޭން ޖެހޭނެކަމަށް އދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާގެ އިސް ވެރިޔާ ވިދާޅުވެއްޖެއެވެ.

ބީ.ބީ.ސީއަށް ދެއްވި ބަސްދީގަތުމެއްގައި، އދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާގެ އިސްވެރިޔާ ޒަޢީދް ރަޢުދުލް ހުސައިން ވިދާޅުވީ، މީގެ ކުރިން ނޮބެލް ސުލްހައިގެ އިނާމުވެސް ލިބިފައިވާ އައުން ސަން ސޫޗީ ހުންނެވީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދިޔަ ޖަރީމާތައް ހުއްޓުވޭނެފަދަ މަޤާމެއްގައި ކަމަށާއި އެހެންނަމަވެސް ސޫޗީ ވަނީ އަސްކަރިއްޔާގެ ދިފާޢުގައި ވާހަކަދައްކަވާފައި ކަމަށެވެ.ބަދަލުގައި އޭނާއަށް ހަނުހުންނެވުނީސް ކަމަށާއި، ނުވަތަ މަޤާމުން އިސްތިޢުފާ ދެއްވުނީސްކަމަށްވެސް ޒަޢީދް ވިދާޅުވިއެވެ.

ޒަޢީދް ވިދާޅުވީ، މި ޖަރީމާތައް ހުއްޓުވުމަށް އޭނާ އެކަށިގެންވާ މަސައްކަތް ނުކުރައްވާފައިވަނީ ކީއްވެގެންކަން ބަޔާންކޮށް ދައްކަވާފައިވާ އެއްވެސް އުޒުރެއް ޤަބޫލުނުކުރައްވާނެކަމަށެވެ. މި ދިޔަ އަހަރުގެ އޯގަސްޓް މަހު މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާއިން ހިންގި ޖަރީމާތައް ހުއްޓުވުމުގައި އެ ޤައުމުގެ ލީޑަރު އައުން ސާން ސޫޗީ އިހުމާލުވެފައިވާކަމަށް އދން މި ހަފުތާގައި ނެރުނު ރިޕޯޓްގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް މިޔަންމާގެ ސަރުކާރުން ވަނީ އދގެ މި ރިޕޯޓަކީ ދޮގު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށް ބުނެ، މި ރިޕޯޓް ބަލައިނުގަންނާނޭކަމަށް ބުނެފައެވެ.