ޚަބަރު

ބްރިޖުން ދަތުރުކުރާ ފަރާތްތަކަށް ޚާއްޞަ ބަސް ޓަރމިނަލެއް ހަދަނީ


މާލެއިން ބްރިޖްގައި ދަތުރުކޮށް ހުޅުމާލެއަށްދާ ފަރާތްތަކަށް އެއްވެސް އުނދަގުލަކާއި ނުލައި ހުޅުމާލެއަށް ވަނުމުފެ އިންތިޒާމްތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހަމަޖައްސައިފިއެވެ.

އެޗްޑީސީގެ އަރބަން ޑިވެލޮޕްމަންޓް އެންޑް ޕްލޭނިންގގެ، އެސިސްޓަންޓް ޑިރެކްޓަރ ހުސައިން ޒިޔަތް ވިދާޅުވީ އެއްގަމު އުޅަނދުގައި ހުޅުމާލެއަށް އެތެރެވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބަސް ޓަރމިނަލެއް ހެދުމުގެ މަސައްކަތް އެޗްޑީސީއިން ކުރަމުންދާކަމަށެވެ. އަދި މި ޓަރމިނަލްގެ މަސައްކަތް މިހާރު ނިމުމަކާއި ގާތްވެފައިވާކަމަށާއި ކުރީގެ ހުޅުމާލޭ ކުނިގޮނޑު ހުރި ސަރަޙައްދުގައި އަޅާ މި ޓަރމިނަލްއަކީ، ހުރިހާ ވައްތަރެއްގެ އުޅަނދުތައްކަމަށްވެސް ފަސޭހަކަމާއިއެކު ދަތުރުކުރުމުގެ އިންތިޒާމުތަކާއިއެކު އަޅާ ޓަރމިނަލެއްކަަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބަސް ދަތުރުތަކަށް ޚާއްޞަ ސަރަޙައްދަކާއި، ހަތަރުފުރޮލީ އެހެނިހެން އުޅަަނދުތަކާއި، އަދި ޕްރައިވެޓް ވެހިކަލްތަކާއި، ސައިކަލްތައް ވަނުމަށްވެސް ވަކި ލޭނެ ހަދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބްރިޖްމަތީގައި ދަތުކުކުރާ އެމްޕީއެލްގެ ބަސްތަކުން މީހުން ބޭލުމަށް ހަމަޖެހިފައިވަނީ އަލަށްހަދާ ޓަރމިނަލްއަށެވެ. އަދި ޓަރމިނަލް ކައިީރީގައި މީހުން މަޑުކޮށްލައިގެން ތިބުމަށް ޚާއްޞަ ސަރަޙައްދެއްދަނީ ތަރަޤީކުރަމުންނެވެ. ހުޅުމާލޭގެ އެތެރޭގެ ދަތުރުތައްކުރާނީ އެމްޓީސީސީގެ ބަސްތައް ބޭނުންކޮށްގެންވެ.

ބްރިޖާއެކު ހުޅުމާލެއަށް އައިސްދާނެ ތޮއްޖެހުން ކުޑަކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެޗްޑީސީއިން ބުނެއެވެ. އެގޮތުން ބްރިޖު ސަރަޙައްދުގެ ދަތުރުފަތުރު ލުއިފަސޭހަކުރުމަށް 4 މަގެއްވަނީ އެއްކޮޅަށް ދުއްވާ މަގުތަކަށް ބަދަލުކޮށްފައެވެ. އަދި މިބަދުލުތައް މިހާރު އިޢުލާންކޮށްފައިވާއިރު، އެމަގުތަކުގައި އެކަމަށް ޚާއްޞަ ނިޝާންތައްވެސް މިހާރުވަނީޖަހާފައެވެ. މީގެއިތުރުން މި ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވާނެކަމަށް އެޗްޑިސީން ބުނެއެވެ.

ޒިޔަތު ވިދާޅުވީ ހުޅުލެއިން ހުޅުމާލެއަށް ދަތުރުކުރާ ލިންކް ރޯޑްގެ މަސައްކަތްވެސް މިހާރު ނިމުމަކާއި ގާތްވެފައިވާކަމަށެވެ. އެގޮތުން އެމަގުގައި ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ މަގު ބައްތި ޖެހުމުގެ މަސައްކަތެވެ. ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ބްރިޖު ބޭނުންކުރުން އާއްމު ދަތުރުތަކަށް ހުޅުވާލާއިރު، އާއްމުންނަށް ދަތިނުވާނެހެން ހުރިހާ މަސައްކަތް ނިމޭނެކަމަށެވެ.