ޚަބަރު

ބްރިޖް ހުޅުވުމާއެކު މާލޭގައި ތިބެގެން، ފްލައިޓްތަކަށް ޗެކިން ކުރެވޭނެގޮތް ހަމަޖައްސަނީ


ބްރިޖް ހުޅުވުމާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ މީހުންނަށް މާލޭގައި ތިބެގެން، ފްލައިޓްތަކަށް ޗެކިން ކުރެވޭނެގޮތް ހަމަޖައްސައިދޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބްރިޖާގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ބްރިޖް ހުޅުވުމާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ފަރާތްތަކަށް މާލޭގައި ތިބެގެން ޗެކިންގ ވެވޭނެ އިންތިޒާމްތައް ހަމަޖައްސައިދެއްވާނެކަމަށެވެ. އެގޮތުން މާލެއާއި ހުޅުލެއާ ދެމެދު ބަސް ދަތުރުތައް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުގައި ހަދާ ބަސް ޓާމިނަލްގައި ސިޓީ ޗެކިންގެ ޚިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ޚިދުމަތް ދޭން ފެށުމުން، ފުރާ މީހުންނަށް އެއާޕޯޓަށް ދިޔުމުގެ ކުރިން މާލޭގައި ތިބެގެން، އިންޓަނޭޝަނަލް ފްލައިޓް ތަކަށާއި ޑޮމެސްޓިކް ފްލައިޓުތަކަށް ޗެކިން ކުރެވޭނެ ކަމަށެވެ. އަދި ހުޅުމާލޭގެ ބަސް ޓަރމިނަލުންވެސް މި ޚިދުމަތް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މާލޭގައި ތިބެފައި ޗެކިންގެ ކަންތައް މި ނިމެނީ، އެއަރޕޯޓަށް ދިޔުމުގެ ކުރިން ލަގެޖު ދޫކޮށްލާ، ޗެކިން ހަދާ ނިމެނީ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތަކަށް، އެހާ ހިސާބުން ހުޅުލެއަށް ދާންވީ،" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ސިޓީ ޗެކިންގެ ޚިދުމަތްތައް މާލެއިން ހުޅުލެއަސްދާ މީހުންނަށް، ބްރިޖް ހުޅުވާދުވަހުވެސް ލިބޭނެކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ. މިރޭ ކުލަގަދަ ރަސްމިއްޔާތަކާއެކު ބްރިޖް ހުޅުވާއިރު ބްރިޖް އާއްމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 7 ވަނަ ދުވަހުއެވެ.