ޚަބަރު

މާރާމާރީ ހިންގަނީ އިންތިޚާބުގެ އަމާންކަން ނަގާލަން، ޒުވާނުން މިކަމަށް ސަމާލުވޭ - މިނިސްޓަރ


ރާއްޖޭގައި މިހާރަކަށްއައިސް ހިނގަމުންދާ މާރާމާރީތަކަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަކީ އަމާން އިންތިޚާބެއް ނޫންކަމަށް ސިފަކޮށްދިނުމަށް ބަޔަކު ކުރަމުންދާ މަސައްކަތެއްކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އަމަންއަމާންކަން ނަގާލުމަށް ކުރަމުންދާ މަސައްކަތުގައި ޒުވާނުން ނަހަމަގޮތުގައި ބޭނުންކުރަމުންދާކަމަށާއި، އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ. އަދި މިނިސްޓަރ ވަނީ މިފަދަ ޢަމަލުތައް ހިންގުމުގައި ޒުވާނުން ބައިވެރިނުވުމަށް އިލްތިމާސްކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ސިޔާސީގޮތުން އަންނަ މިފަދަ ކޮންމެ ދުވަސްވަރެއްގައި ޒުވާނުންގެ ބޭނުންކޮށްގެން މަގުމަތި ހަލަބޮލުކޮށްލުމުގެ ސަޤާފަތެއް އިދިކޮޅު ފަރާތްތަކުން ގެންގުޅޭކަމަށާއި މިކަމުގެ ގެއްލުންވަނީ ޢާއްމު ރައްޔިތުންނަށްކަމަށެވެ.

އަދި މިދުވަސްވަރު މާރާމާރީތައް ގިނަވަމުންދާދިއުމަށް އަލިއަޅުއްވާލައްވަމުން ހޯމް މިނިސްޓަރ ވިދާޅުވީ މިއީ އިންތިޚާބާ ދިމާކޮށް، އިންސާފުވެރި އިންތިޚާބެއް ބޭއްވޭފަދަ މާހައުލެއް ރާއްޖޭގައި ނެތްކަން ދެއްކުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި މާލެ ތެރޭގައި ހިނގާ މާރާމާރީތަކަށް އަލިއަޅުއްވާލައްވާފައިވާއިރު މިހަފްތާތެރޭގައި ނުރައްކާތެރި މާރާމާރީތަކެއް މާލެ ތެރޭގައި ވަނީ ހިންގާފައެވެ. މާރާމާރީގެ މިމައްސަލަތައް ފުލުހުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.