ޚަބަރު

ކޮލަމާފުށި ޖަގަހައަށް ދިން ޙަމަލާ ޕީޕީއެމުން ކުށްވެރިކޮށްފި


ގއ.ކޮލަމާފުށީގައި ހުންނަ ޕީޕީއެމްގެ ޖަގަހައަކަށް، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އެކްޓިވިސްޓުންތަކެއް ދިން ޙަމަލާ ޕީޕީއެމުން ކުށްވެރިކޮށްފިއެވެ.

ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ މިއީ އެމްޑީޕީއަށް ނިސްބަތްވާ އެކްޓިވިސްޓުންތަކެއް ފަހަތުގައި ތިބެގެންދިން ޙަމަލާއެއްކަން ޔަގީންވާކަމަށެވެ. އެގޮތުން މި ޙާދިސާގެ ވީޑިއޯ ހެކި ލިބިފައިވާކަމަށް ނިހާން ވިދާޅުވިއެވެ. މި ޙާދިސާ މިހާރު ފުލުސް އޮފީހަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، މައްސަލަ ބަލަމުންދާކަމަށް ފުލުހުން އަންގާފައިވާކަމަށް ނިހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮލަމާފުށީގެ އިތުރުން އދ.މާމިގިއްޔާއި، ލ.ފޮނަދުއާއި، ގއ.ކޮނޑޭގައި ހުންނަ ޕީޕީއެމްގެ ޖަގަހަތަކަށްވެސް މީގެ ކުޑަ ދުވަސްކޮޅެއްކުރިން ގެއްލުންދީފައިވާކަމަށެވެ.

"މުޙައްމަދު ނަޝީދުވެސް ބުނެފައިވަނީ ތާޅާނި ކުދިންތަކެއް ހޯދަން. އަހިވަކާއި ޖެހި އަހިވަށް ފާވާނޭ ބުނާ ފަދައިން އިބްރާޙިމް މުޙައްމަދު ސޯލިހް މިކަން ފެއްޓެވުމަކީ ވަރަށް ހިތާމަހުރި ކަމެއް. ޑިމޮކްރެޓިކް މިންގަނޑުތަކާއި ހަމަތަކުގެ ތެރެއިން ކަމަށް ވިދާޅުވެ އެކްޓިވިސްޓުން ނެރެގެން މިފަދަ ކަންކަން ކުރުމަކީ ވަރަށް ނޭއްގާނީ ނުރައްކާތެރި، އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމަށް މި ޕާޓީއިން ދެކެން" ނިހާން ވިދާޅުވިއެވެ.

ޕީޕީއެމުން ބުނީ ކޮލަމާފުށީ ޖަގަހައަށް ދިން ޙަމަލާގައި ޕީޕީއެމްގެ 10 މީހަކަށް އަނިޔާވެ، ފަރުވާ ދެމުންދާކަމަށެވެ. އަދި ކެމްޕެއިން ބޭނުންކުރާ ދިދައާއި، ދިދަ ދަނޑިއާއި، ބެނާފަދަ ތަކެއްޗަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް ނިހާން ވިދާޅުވިއެވެ.

ޕީޕީއެމް ކޮލަމާފުށި ޖަގަހައަށް އެމްޑީޕީ ބަޔަކު ހަމަލާދީފައި މިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ކޮލަމާފުށްޓަށް ދަތުރެއް ކުރަން ހަމަޖެހިފައިވަނިކޮށެވެ.