ޚަބަރު

އެންމެ ބޮޑު ބަޣާވާތް ހިންގަން ރޭވީ މޭޑޭގައި- ޑރ.ޝަހީމް


ޣައިރު ގާނޫނީ ގޮތުން ސަރުކާރު ވައްޓާލުމަށްޓަކާ ދުރާލާ ރާވައިގެން މޭޑޭގެ ނަމުގައި ހިންގަން އުޅުނު ހަރަކާތަކީ ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު ބަޣާވާތް ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ލ.އަތޮޅު ފޮނަދޫ ކުރިމަގު އަވަށުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ، ހިނގާލުމެއްގެ ނަމުގައި މާލޭގައި މޭޑޭގެ ނަމުގެ ހިންގި ހަރަކާތަކީ މިހާތަނަށް ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު ބަޣާވާތް ކުރަން މަކަރުން ހިންގި ހަރަކާތެއް ކަމަށެވެ. އަދި އެ ބަޣާވާތުގެ ފަހަތުގައި ވަނީ ބޭރުގެ ފަރާތްތަކެއްކަމަށާއި އެކަން ކާމިޔާބުވިނަމަ ރާއްޖޭ ގެއްލިގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ވެރިކަން ފުރޮޅާލުމަށްޓަކައި މޭޑޭގައި ހިންގި ހަރަކާތަކީ އެއީ ރާއްޖޭގެ ތާރީހް އިންސާނުންގެ ބުއްދިއަށް ގެނެވޭނެ އެންމެ މަތީ ދަރަޖައަކަށް ރާވައިގެން ޣައިރު ގާނޫނީކޮށް ރާއްޖޭގެ ސަރުކާރު ވައްޓާލުމަށް، ތާރީހުގައި ހިންގަން އުޅުނު އެންމެ ބޮޑު ބަޣާވާތް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާއި ހަވާލުވި ވަގުތަކީ ރާއްޖޭއަށް ބޭރުގެ ނުފޫޒު ވަރަށް ބޮޑަށް އޮތް ދުވަސް ވަރެއް ކަމަށާއި އެހެން ނަމަވެސް އެކަންތައްތައް ކުޑަ ކުރައްވައި އުމްރާނީ ގޮތުން ރާއްޖެ އައު އުސްމިންތަކަކަށް ގެންދަވައި އެތައް މަޝްރޫއުތަކެއް ހިންގެވިކަމަށެވެ. އަދި ރާއްޖެ މިއަދު މިދެކޭ އަމާން، ފާގަތި ދުވަސްތައް ގެނެސްދިނީ ވަރަށްވެސް ހިތްވަރު ގަދަ ޒަޢާމަތަކަށްްކަން ގަބޫލު ކުރަންޖެހޭ ކަމަށާއި އެހެންކަމުން އެ ޒަޢާމަތް ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ދިވެހި ޒައާމަތުގައިި ހުންނަން ޖެހޭނީ ވަރަށް ހިތްވަރު ގަދަ. ގަޓް ހުރި. ތަޖްރިބާކާރު ބޭފުޅެއް، ރައީސް ޔާމީނަކީ އެތައް ދުވަހަކު ވަޒީރުކަމާއި. މަޖިލީހުގެ މެންބަރުކަން އެތައް އަހަރެއް ވަންދެން ކުރައްވާފައިވާ ބޭފުޅެއް، އެފަދަ އެހެން ޝަހްސިއްޔަތެއް ރާއްޖޭގެ ސިޔާސީ ވެށިން މިވަގުތު ފެންނާކަށް ނެތް،" ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އޮތް ތާއީދު އިތުރު ކުރުމަށް ޑރ.ޝަހީމް ހައްދުން މައްޗަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅުގެ ހުރިހާ ރަށްތަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމުގެ އިތުރުން އެމަނިކުފާނު ވަނީ ޖަމިއްޔާ ޖަމާއަތްތަކާއި އެކި އުމުރު ފުރާތަކުގެ ގްރޫޕްތަކާއި އަދި ވަކިވަކި ފަރުދުންނާވެސް ބައްދަލު ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ބައެއް ރަށްރަށުގައި ޕީޕީއެމްގެ ޖަގަހަތައްވެސް ހުޅުވައިދެއްވާފައެވެ.