ޚަބަރު

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕާޓްނަރުންނާއެކު މަޓާޓޯއިން ސޮއިކޮށްފި


މޯލްޑިވްސް ޓްރެވެލް އެވޯރޑްސްގެ ޕާޓްނަރުންނާއެކު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް، މަޓާޓޯއިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑިންގްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މަޓާޓޯއާއެކު އެޗްޑީސީގެ އިތުރުން އަމިއްލަ ދެކުންފުނި ކަމަށްވާ ފީލް މޯލްޑިވްސްއާއި އޮބްޖެކްޓުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިއެއްބަސްވުމުގެ ދަށުން މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ހޯސްޓް ޕާޓްނަރއަކަށް އެޗްޑީސީ އަދި އިވެންޓް ޕާޓްނަރއަކަށް އޮބްޖެކްޓް ހަމަޖައްސާފައިވާއިރު މާރކެޓިންގް ޕާޓްނާއަށް ހަމަޖައްސައިފައިވަނީ ފީލް މޯލްޑިވްސްއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ރިޔާޒް ވިދާޅުވީ މޯލްޑިވްސް ޓްރެވެލް އެވޯޑްސްއަށް މި ތިން ކުންފުނީގެ އެހީތެރިކަން ލިބުމަކީ މަޓާޓޯއިން މިއެވޯޑަށް ލިބިގެންދާ އިތުރު ފުރިހަމަކަމެއްކަމުގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗްޑީސީގެ ޑިރެކްޓަރ އޮފް ޕްލޭނިންގް އެންޑް ޑިވެލޮޕްމެންޓް އިސްމާޢިލް ޝާން ރަޝީދު ވިދާޅުވީ މަޓާޓޯއާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިގެންދިއުމަކީ އެޗްޑީސީއަށްވެސް އަދި ހުޅުމާލެއަށްވެސް ލިބިގެންދާ އުފަލެއްކަމަށެވެ. އަދި ޓޫރިޒަމްގެ ދާއިރާގައި ހުޅުމާލެ ތަރައްޤީވަމުންދާއިރު މިފަދަ އެވޯޑެއްގެ ސަބަބުން ހުޅުމާލެއާއި ހުޅުމާލޭގެ ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް މަންފާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިމަހުގެ އެއްތިރީސްވަނަދުވަހު މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން ބާއްވާއިރު މިއެވޯޑްގެ ގާލާ އެޑިޝަންއާއި ޕީޕަލްސް އެޑީޝަން އަންނަ ނޮވެމްބަރު މަހު އޮންނާނެކަމަށް މަޓާޓޯއިން ބުނެއެވެ.

ގެސްޓް ހައުސް އެޑިޝަންގައި މުޅިއެކު 112 ގެސްޓް ހައުސެއް ނޮމިނޭޓްވެފައިވާއިރު މި އެވޯޑްދިނުމުގެ ރަސްމިއްޔާތު އޮންނާނީ ހުޅުމާލޭ ފަރުކޮޅުފުށީގައެވެ. މިއީ 2017ވަނަ އަހަރު މަޓާޓޯއިން ޓްރެވެލް އެވޯޑަށް މުޅިން އަލަށް އިތުރުކުރި ބައެކެވެ. މިއީ މަޓާޓޯއިން މޯލްޑިވްސް ބިޒްނެސް އެވޯޑްސް ބާއްވާ ހަތްވަނަ އަހަރެވެ.