ޚަބަރު

ހުމާއި ރޯގާއަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި


މިދުވަސްވަރަކީ ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު ޙައްޖާޖީން ރާއްޖެ އަންނަމުންދާ ދުވަސްވަރެއްކަމުން އަރިދަފުސް ރޯގާއާއި ވައިރަލް ހުމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ،އެޗްޕީއޭއިން ގޮވާލައިފިއެވެ.

ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް ފްލޫ ކްލިނިކެއް އައިޖީއެމްއެޗްގައި ޤާއިމުކޮށްފައިވާކަން އެޗްޕީއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެވެސް އިރުއޮއްސި ހަޔަކުން ރޭގަނޑު 12 އަށް އައިޖީއެމްއެޗުގައި ފުލޫ ކްލިނިކްގެ ޚިދުމަތްދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ހައްޖު ގްރޫޕްތަކުން ދީފައިވާ އައިޑެންޓިފިކޭޝަން ކާޑު ނުވަތަ ޕާސްޕޯޓް ހިފައިގެން އައުމުން ފްލޫ ކްލިނިކުން ޚިދުމަތް ލިބޭނެކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވައިރަލް ހުމާއި ރޯގާއަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބަލިތަކަކަށްވުމުން މި ބަލިތަކުން ރައްކާތެރިވުމަށް ކޮންމެ މީހަކުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބުނެފައިވެއެވެ. އެގޮތުން ކެއްސާ ކިނބިހި އަޅާނަމަ އަނގަމަތި ނިވާކުރުމާއި އާންމުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކަށް ނުދިއުމުގެ އިތުރުން ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް މި ބަޔާނުގައި އެޗްޕީއޭއިން އިރުޝާދުދެއެވެ. މީގެ އިތުރުން ޕެރެސެޓަމޯލް ފިޔަވާ އެހެން ބޭހެއް ބޭނުންނުކުރުމާއި، ހުންއައިސް ރޯގާޖެހި 3 ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.