ޚަބަރު

ރެފިއުޖީންގެ މައްސަލައިގައި ސޫރިޔާ ސަރުކާރާއެކު މަޝްވަރާ ނުކުރާނަން- ހަރީރީ


ލުބުނާނުގައި އުޅެމުންދާ ސޫރިޔާގެ ރެފިއުޖީން ޤައުމަށް ފޮނުވުމާ ބެހޭގޮތުން ސޫރިޔާގެ ސަރުކާރާއެކު ސީދާ މަޝްވަރާތަކުގައި ބައިވެރިނުވާނެކަމަށް ލުބުނާނުގެ ބޮޑުވަޒީރު ސައުދުލް ހަރީރީ ވިދާޅުވެއްޖެއެވެ.

މިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން ހަރީރީ ވިދާޅުވީ، ލުބުނާނުގައި ދިރިއުޅޭ ސޫރިޔާގެ ރެފިއުޖީން އަމިއްލައަށް ބޭނުންވެގެން އެ ފަރާތްތަކުގެ ވަޒަނަށް އެނބުރި ދިއުމާ ބެހޭގޮތުން ރަޝިޔާއާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި، މިކަމުގައި ބައިނަލްއަޤުވާމީ ދުނިޔޭގެ އެހީތެރިކަން ހޯދުމަަށް ލުބުނާނުން ވިސްނަމުންދާކަމަށެެވެ. ސޫރިޔާގެ ހަނގުރާމަ ފެށީއްސުރެ، އެ ޤައުމުގެ ރެފިއުޖީންނަށް ދެވެން އޮތް ހުރިހާ އެހީއެއް ލުބުނާނުން ދީފައިވާނެ ކަމަށާއި، މީގެ ތެރޭގައި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ތާއީދުކުރާ ފަރާތްތައްވެސް ހިމެނޭކަމަށް ލުބުނާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

މި މަހުގެ ކުރީކޮޅު ލުބުނާނުގެ ބޮޑުވަޒީރު ހަރިރީ ވިދާޅުވެފައިވަނީ، އެއްވެސް ހާލެއްގައި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ބައްދަލުނުކުރައްވާނެ ކަމަށާއި، ސޫރިޔާއަށް ޒިޔާރާތްވެސް ނުކުރައްވާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ބޮޑުވަޒީރު ކަމުގެ މަޤާމު ގެއްލުނު ކަމުގައިވިޔަސް، މި ވިސްނުން ބައްދަލުނުކުރައްވާނެ ކަމަށް ހަރީރީ ވިދާޅުވިއެވެ.