ޚަބަރު

ޙައްޖުގެ އަޅުކަމަށްފަހު ޙައްޖާޖީން މާލެ އަންނަން ފަށައިފި


މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ދިޔަ ހައްޖުވެރިން، ޙައްޖުގެ އަޅުކަމަށްފަހު މާލެ އަންނަން ފަށައިފިއެވެ.

ޙައްޖަށް ދިޔަ މީހުންގެ ތެރެއިން މިއަދު ފުރަތަމަ މާލެ އައިސްފައިވަނީ ޒަޢީ ޤްރޫޕުގެ ޙަވާލުގައި ހައްޖަށްދިޔަ 96 މީހުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖާޖީން މިއަދުން ފެށިގެން އަންނަމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެކި ދުވަސްތަކުގައި އެކި ގަޑިތަކުގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން އަންނަމަހުގެ 7 ވަނަދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ޙައްޖާޖީން މާލެ އަންނަން ފުރާނެއެވެ.

ތަޒްކިޔާ ޖަމާޢަތުގެ ޙަވާލުގައި ހައްޖަށް ދިޔަ ޙައްޖާޖީން މާލެ އައުމަށް ބަޔަކު މިއަދު ފުރާއިރު އަންނަމަހުގެ 18،15،2 މި ތިން ދުވަހު އެ ޙައްޖާޖީން މާލެއައުމަށް ފުރާނެއެވެ.

އަލްޙަރަމައިން ގުރޫޕްއާއި ސިސިލްފަރު ޤުރޫޕްގެ ޙަވާލުގައި ޙައްޖަށް ދިޔަ ޙައްޖާޖީންގެ ތެރެއިން އެއްބަޔަކު މިމަހުގެ 30 ވަނަ ދުވަހު މާލެއައުމަށް ފުރާއިރު މިމަހުގެ 31 ގައިވެސް ޙަރަމައިން ޤުރޫޕްއިން ޙައްޖަށް ދިޔަ މީހުން މާލެއައުމަށް ފުރަން ހަމަޖެހިފައިވެއެވެ.

މިއަހަރު ރާއްޖެއިން 1000 އަށް ވުރެ ގިނަ މީހުން ޙައްޖަށް ގޮސްފައިވާއިރު ރާއްޖެއަށް މިއަހަރު ޖުމުލަ 2000 ކޯޓާ ވަނީ ލިބިފައެވެ.