ކުޅިވަރު

3 ކީޕަރުންނާމެދުވެސް އިތުބާރު އެބައޮތް: އަސްލަމް


ޤައުމީ ޓީމްގައި މިވަގުތު ތިބި ތިން ކީޕަރުންނާ މެދުވެސް ފުރިހަމަ އިތުބާރު އެބައޮތްކަމަށް ޤައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުލް ރަހީމް ބުނެފިއެވެ.

ޤައުމީ ޓީމަށް މިފަހަރު ނަގާފައިވަނީ ނިއު ރޭޑިއަންޓް ސްޕޯރޓްސް ކުލަބްގެ މުހައްމަދު ފައިސަލް، ޔުނައިޓަޑް ވިކްޓްރީގެ ހަސަން ތޮލާލް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހުސެއިން ޝަރީފްއެވެ. މިތިން ކީޕަރުންނާ ގުޅޭގޮތުން ވާހަކަދައްކަމުން އަސްލަމް ބުނީ މިއީ މިވަގުތު ރާއްޖެއިން ނެގެން ތިބި އެންމެ މޮޅު ތިން ކީޕަރުން ކަމަށާއި، ޤަތަރުގައި ޤައުމީ ޓީމް މިހާރު ކުރަމުން އަންނަ ފަރިތަކުރުންތަކުގައި ތިން ކީޕަރުންގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެންނަމުންދާކަމަށެވެ.
މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ޤަތަރުގައި ޤައުމީ ޓީމް ކުރަމުންދާ ފަރިތަކުރުންތަކުގައި ތިން ކީޕަރުންގެ ފަރާތުންވެސް ކުރިއެރުން ފެންނަކަމަށާއި، ތިން ކީޕަރުންނާ މެދުވެސް ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް އަސްލަމް ބުންޏެވެ. އަސްލަމް ބުނީ ދުނިޔޭގެ އެންމެ މޮޅު ކީޕަރުން އަތުންވެސް މިސްޓޭކް ހެދޭކަމަށާއި، ނަމަވެސް މޮޅު ކީޕަރުންނަކީ އެހެދޭ މިސްޓޭކްތަށް ތަކުރާރު ވިޔަނުދީ، ވީހާވެސް މަދުން މިސްޓޭކް ހަދާ ކީޕަރުންކަމަށެވެ.

" ޤަތަރަށް ގޯލް ކީޕަރުން އައިއިރަށް ވުރެ، މިހާރު ވަރަށް ބޮޑުތަން އިންޕްރޫވްވެފަ ތިބީ. ގޯލް ކީޕަރުންނަކީ އެހެން ކުޅުންތެރިންނާ އެއްވަރަށް އަވަހަށް މޮޅުވާ ބައެއް ނޫން. ގޯލް ކީޕަރުންގެ މޮޅުކަން ފެންނަން ދުވަސްނަގާނެ. އެމީހުނަކީ ބައިވަރު މަސައްކަތްތަކެއްކޮށްގެން މޮޅުވާ ބައެއް. ޤަތަރުގައި މިހާރު ކުރަމުންދާ ފަރިތަކުރުންތަކުގައި ގޯލް ކީޕަރުންގެ ތަފާތު އެބަފެނޭ. އުއްމީދު ކުރަނީ މިފަހަރުގެ ސާޒް ސުޒުކީ ކަޕްގައި ރާއްޖޭގެ ގޯލް ކީޕަރުންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެންނުމަށް. " އަސްލަމް ބުންޏެވެ.

ރާއްޖޭގެ ޤައުމީ ޓީމްގެ ގޯލް ގިނަ އަހަރުތަކެއްގައި ބެލެހެއްޓި، އިމްރާން މުހައްމަދު ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމުން މިހާރު ޤައުމީ ޓީމްގެ ގޯލް ބަލަހައްޓަމުން އަންނަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ދެވަނަ ކީޕަރު މުހައްމަދު ފައިސަލްއެވެ.