ޚަބަރު

"ރައީސް ޔާމީން މާލިމީއަކަށް ހުރި ދީނާއި ތަރައްޤީގެ ނައު ނުފެތޭނެ"


ރައީސް ޔާމީންގެ މާލިމީކަމުގެ ދަށުން ދުއްވަމުން އަންނަ ދީނާއި ތަރައްޤީގެ ނައު ނުފެތޭނެ ކަމަށް އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ލ. ގަމު މުކުރިމަގު އަވަށު ޕީޕީއެމް ޖަހަގަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރައީސް ޔާމީން މާލިމީއަކަށް ހުންނެވީ ތަރައްޤީއާގެން ދަތުރުކުރަމުންދާ ނަވެއް ކަމަށެވެ. އަދި އެއީ އިސްލާމް ދީން ދަމަހައްޓާނެ ނަވެއް ކަމަށް ޑރ. ޝަހީމް ވިދާޅިވިއެވެ.

"އިދިކޮޅު ފަރާތްތަކުން އެ ބުނަނީ ރައީސް ޔާމީންގެ ނައު ފެތެމުންދާ ވާހަކަ. އަޅުގަނޑު ދަންނަވާނީ މާތްﷲ އިރާދަ ކުރެއްވިއްޔާ އެނައު ނުފެތޭނޭ. ތިބޭފުޅުން އެނަވަށް އަރާށޭ" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީން ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ހިންގާފައިވާ ކަމަށާއި، ރާއްޖޭގެ ކޮންމެ ދިމާއަކަށާއި ކޮންމެ ދާއިރާއަަށް ބަލާލިއަސް އެމަންޒަރު ފެންނާނެ ކަމަށެވެ.

"އިޖްތިމާޢީ، ސިއްޙީ، ތަޢުލީމީ، މިހެން ގޮސް ކިތަންމެ ދާއިރާއަކުން މުޙިއްމު އެތައް މަޝްރޫޢުތަކެއް ފައްޓަވާ އަދި މިހާރު ވަރަށް ގިނަ މަޝްރޫޢުތަކެއްގެ ޚިދުމަތް ދެއްވަމުން އެމަނިކުފާނު ގެންދަވަނީ" ޝަހީމް ވިދާޅުވިއެވެ.

ރައީސް ގެންނަވާ ޢުމްރާނީ ތަރައްޤީއާއި އެއްވަރަށް އިސްލާމީ ތަރައްޤީ ނުގެނެވިއްޖެނަމަ ރާއްޖެ ވާނީ ހަމައެކަނި މާއްދިއްޔަތުގެ މައްޗަށް ތަރައްޤީ ކުރެވިގެންދާ ޤައުމަކަށް ކަމަށާއި، އެހެންކަމުން އެމަސައްކަތް އެމަނިކުފާނު ކުރައްވާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.