ޚަބަރު

މާލެ ފިޔަވައި އެހެން ދާއިރާއަކަށް ގޮނޑި އިތުރު ނުކުރަން ނިންމައިފި


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭގެ ދެ ދާއިރާއަކަށް ގޮނޑި އިތުރު ކުރުން ފިޔަވައި، ރާއްޖޭގެ އެއްވެސް އިންތިޚާބީ ދާއިރާއަކަށް ބަދަލު ނުގެންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މާލެ ސިޓީގެ ހެންވޭރު ހުޅަނގު އަދި މައްޗަންގޯޅި މެދު ދާއިރާ ވަކިކޮށް، އެ ދެ ދާއިރާއަށް ދެ ގޮނޑި އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އެ ދެ ދާއިރާއަށް ގޮނޑި އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އާބާދީއަށް އައިސްފައިވާ ބަދަލުގެ ސަބަބުން ކަމަށް އެކޮމިޝަނުން މައުލޫތުދެއެވެ. މާލެ ސިޓީގެ 2 ދާއިރާއަކަށް ގޮނޑި އިތުރުކުރުން ފިޔަވައި ރާއްޖޭގެ އެއްވެސް އިންތިޚާބީ ދާއިރާއަކަށް ބަދަލު ނުގަނައުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މާލެ ފިޔަވައި އެހެން ދާއިރާއަކަށް ގޮނޑި އިތުރު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އައްޑޫ ސިޓީގެ މަރަދޫ ފޭދޫއާއި މީދޫއަކީ ވަކި ދެ ދާއިރާކަމުގައި ކަނޑައަޅައި، މަޖިލީހުގައި އައްޑޫ ސިޓީ ތަމްސީލު ކުރާ ދާއިރާތަކަށް ގޮނޑި އިތުރުކޮށްދިނުމަށް އެދި އައްޑޫ ސިޓީ ކައުންސިލުން، އިލެކްޝަންސް ކޮމިޝަނާއެކު މަޝްވަރާތަކެއް ކުރި ފަހުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ އައްޑޫ ސިޓީއަށް ގޮނޑި އިތުރު ނުކުރުމަށް ނިންމީ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް ޤާނޫނު ބުނާގޮތަށް މަސްލަހަތަށް ބަލައިގެން ކަމަށެވެ. އެހެންކަމުން މާލެ ސިޓީގެ ދެ ދާއިރާއަކަށް ދެ ގޮނޑި އިތުރުން ކުރުން ފިޔަވައި އެއްވެސް އިންތިޚާބީ ދާއިރާއަކަށް ގޮނޑި އިތުރު ނުކުރަން ނިންމާފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާ ކަނޑައެޅުމުގެ ޤާނޫނުގައި ބުނެފައި ވަނީ ދާއިރާތަކަށް ގޮނޑި އިތުރު ކުރުމުގައި ވިހާވެސް ބޮޑަށް މަސްލަހަތައް ބަލަން ޖެހޭނޭ. އެހެން ކަމުން އެކަންކަމަށް ބެލުމަށްފަހު އަޅުގަނޑުމެން ނިންމީ މާލެ ފިޔަވާ އެހެން އެއްވެސް ތަނަކަށް ގޮނޑި އިތުރު ނުކުރުމަށް" އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމުމާއެކު 2019 ވަނަ އަހަރު ފެށޭ ރައްޔިތުންގެ މަޖިލީހުގެ 5 އަހަރުގެ ދައުރުގައި މަޖިލީހުގައި ތިއްބަވާނީ 87 މެމްބަރުންނެވެ.