ޚަބަރު

އިދިކޮޅު ސަރުކާރަކަށް އިންވެސްޓަރުން ނުލިބޭނެ - މިނިސްޓަރ ޒަމީރު


ދޮޅު އަހަރަށް ހިންގާ ސަރުކާރަކަށް އިންވެސްޓު ކުރާނެ ބަޔަކު ނުވާނެ ކަމަށް ޕީޕީއެމްގެ ނާއިބުރައީސް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިނަށް އައްޑޫސިޓީއަށް ކުރައްވަމުންގެންދާވާ ދަތުރުފުޅެއްގައި އައްޑޫސިޓީ ހިތަދޫ "އަސުރުމާ ޖަގަހަ" ހުޅުއްވާދެއްވައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ދޮޅު އަހަރު ދުވަހުގެ ސަރުކާރެއް އެކުލަވާލައިގެން ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް އޮތްކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އަދި މިހާ ކުރުމުއްދަތަކަށް އެކުލަވާލާ ސަރުކާރަކަށް އިންވެސްޓްކުރާނެ ބަޔަކު ނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުވެއްޖެނަމަ އެކުލަވާލާނީ ދޮޅުއަހަރުގެ އިންތިޤާލީ ސަރުކާރެއްކަމަށް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަމުންނެވެ.

"އަޅުގަނޑުމެންނެއް ޤަބޫލެއް ނުކުރަން ދޮޅު އަހަރު ދުވަހު ތެރޭ ސަރުކާރެއް ހަދައިގެން ރައްޔިތުންނަށް އޭގެއިން ފައިދާ ކޮށްދެވޭނެ ކަމަށް. މިހާރު ފަށާފައ ހުރި ޕްރޮޖެކްޓްތަށް ހަލާކުވެގެން ދާނެ. ރައްޔިތުންނަށް ލިބެމުން އައި ކުރިއެރުންތަށް ފަހަތަށް ދާނެ. ތައުލީމީ ނިޒާމާއި ސިއްޙީ ނިޒާމު ހަލާކުވެގެން ދާނެ. އެގޮތަށް ދޮޅު އަހަރު ދުވަހައް އަންނަ ސަރުކާރަކަށް އިންވެސްޓު ކުރާނެ ބަޔަކު ނުވާނެ. މުޅި ރާއްޖޭ ހުޅުޖެހުމުގެ ވިސްނުން ހުންނަށް ބައެއްގެ ތެރޭ ކިހިނެއްތޯ އެމީހުންނަށް މިތާގަ ޓުރިޒަމް ކުރިއެރުވޭނީ. ޓޫރިޒަމް އެއީ އެންމެ ބޮޑު ސިނާއަތް ކަމަށް ވާއިރު، ޓޫރިޒަމް ކުރިއަކަށްވެސް ނޭރުވޭނެ އެކަހަލަ ސަރުކާރެއް ގެނެސް ގެން" މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

ހިތަދޫ މެދު ދާއިރާގައި ހުޅުވި އަސުރުމާ ޖަގަހަ ހުޅުވުމަށް ބޭއްވި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނި ތަކުގެ އިސްވެރިންނާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އައްޑޫސިޓީ ހިތަދޫ މެދު ދާއިރާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުންގެ އިތުރުން ޕިޕީއެމްގެ މެމްބަރުން ވެސް މި ޖަލްސާގައި ވަނީ ބައިވެރިވެފައެވެ. މި ޖަގަހަ އަކީ ރައީސް ޔާމިން ކެމްޕެއިނަށް އައްޑޫސިޓީ ހިތަދޫގައި ހުޅުވި 6 ވަނަ ޖަގަހައެވެ.