ޚަބަރު

ރީ-ރަޖިސްޓަރ ކުރަން ނަޝީދު ފޯމް ހަށަހަޅާފައެއްނުވޭ- ޤާސިމް ފޯމް ހުށަހެޅީ ޤާނޫނާ ޚިލާފަށް- އިލެކްޝަންސް


ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަންނަ ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކޮށްފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ޖަލު ޙުކުމް ތަންފީޒުކުރަންޖެހޭ ޤައިދީންނަށް ވޯޓުލެވޭނީ ކަރެކްޝަނަލް ސަރވިސް މެދުވެރިކޮށް ރީ-ރަޖިސްޓްރީ ކޮށްގެންކަމަށެވެ. ނަމަވެސް ބޭސް ފަރުވާއަށްކަމަށް ބުނެ ފިއްލަވައިގެން އުޅޭ ނަޝީދު ރީ-ރަޖިސްޓްރީކުރަން ހުށަހަޅާފައިނުވާކަމަށް އަކްރަމް ވިދާޅުވިއެވެ.

ނަޝީދުގެ އިތުރުން ބޭސް ފަރުވާއަށްކަމަށް ބުނެ ޙުކުމަށް ފިއްލަވައިގެން އުޅޭ ގާސިމް އިބްރާހިމް އިނގިރޭސިވިލާތުގެ ފޮށްޓަކަށް ރީ-ރަޖިސްޓްރީކުރަން ހުށަހެޅިނަމަވެސް، އޭނާ ރީ-ރަޖިސްޓްރީކުރަން ހުށަހަޅާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް އަކްރަމް ވިދާޅުވިއެވެ.

ޤާނޫނުތައް ބުނާގޮތުން ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީން ވޯޓު ލާންޖެހޭނީ ޖަލުގައި ބަހައްޓާ ވޯޓު ފޮށިތަކަށެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ނަޝީދާއި ގާސިމް ވޯޓު ލާންޖެހޭނީ މާފުށި ޖަލުގައި ބަހައްޓާ ފޮށްޓަށްކަމަށްވާއިރު، ރީ-ރަޖިސްޓްރީކޮށްފައި ނެތުމުން ޖަލަށް ވަޑައިގަތަސް ވޯޓުލުމުގެ ފުރުޞަތު އެބޭފުޅުންނަށްވަނީ ގާތްގަނޑަކަށް ގެއްލިފައިކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ.