ޚަބަރު

އިސްލާމްދީންދެކެ ލޯބިވާ މީހަކު އެމްޑީޕީގެ ކެނޑިޑޭޓަކަށް ވޯޓް ނުދޭނެ - ހައުސިންގ މިނިސްޓަރ


އިސްލާމްދީން ދެކެ ލޯބިވާ މީހަކު އެމްޑީޕީގެ ކެނޑިޑޭޓެއް ވެރިކަމަށް ގެންނަން ވޯޓު ނުދޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރ. އިންނަމާދޫ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް، އެހެން ދީންތައް ރާއްޖެއަށް ގެންނަން މަސައްކަތްކުރިކަން ޞާބިތުވެފައިވާކަމަށެވެ. އަނެއްކާވެސް ވެރިކަމަށް އަންނަން އެމްޑީޕީން މަސައްކަތްކުރާއިރު، އެމްޑީޕީގެ އިސްސަފުގައި އަދިވެސް ތިބީ ދީނަށް ފުރައްސާރަކުރާ މީހުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވެސް ވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިގޮތުން އެމްޑީޕީގެ ކެނޑިޑޭޓް އިންނަމާދޫ ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވެ، ވަޢުދުވަނީ ރައީސް ޔާމީން ކޮށްދެއްވާފައިވާ ކަންކަން ކޮށްދެއްވަންކަން ފަލާޙު ފާހަގަކުރެއްވިއެވެ.

އިންނަމާދޫގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއިރު، އިދިކޮޅު އެމްޑީޕީއަށް ވުރެ ބޮޑު ތާޢީދެއް އިންނަމާދޫން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގައި އެދާއިރާ ތަމްސީލުކުރައްވާ މެމްބަރު ފަލާޙު ވިދާޅުވިއެވެ.