ޚަބަރު

ބޭރުގެ ނުފޫޒު އަންނަނީ މައްސަލަތަކެއް ހުރެގެންނޫން، ބޭނުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުން - ޑިފެންސް މިނިސްޓަރ


ބޭރުގެ އިސްތިއުމާރީ ބާރުތަކުން ރާއްޖެއަށް ނުފޫޒު ފޯރުވަމަށް މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ހުރި މައްސަލަތަކެއްގެ ސަބަބުން ނޫންކަމަށާއި، އެއީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ނުފޫޒް ފޯރުވުމަށް ކުރާ ކަމެއްކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއެޖެއެވެ.

ޒުވާނުންގެ ހިތްތަކުގައި އިސްލާމީ އަޤީދާ ވަރުގަދަކޮށް ދީނީ ވަހުދަތު ޙިމާޔާތް ކުރުމާއި ޤައުމީ ރޫޙާއި ޘަޤާފަތް އާލާކުރުމަށްޓަކައި "ޒުވާނުންނާއި ޤައުމިއްޔަތު" ގެ ނަމުގައި އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ ފޯރަމް ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ބޭރުގެ އިސްތިޢުމާރީ ބާރުތަކުން ރާއްޖެއަށް އެކިގޮތްގޮތުން ނުފޫޒް ފޯރުވުމަށް ޖާގަލިބެނީ ދިވެހިންގެ ތެރެއިން ޤާއުމުގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރާ ބައެއްގެ ޢަމަލުތަކުގެ ސަބަބުންކަމަށެވެ.

މީގެކުރިންވެސް ދިވެހިންގެ މިނިވަންކަން ގެއްލިގެންދިޔައީ ޤައުމަށް ޣައްދާރުވި ބައެއްގެ ސަބަބުންކަން ފާހަގަކުރައްވައި ޑިފެންސް މިނިސްޓަރ ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިން ތެރެއިން ބަޔަކު މިހާރުވެސް ކައިރި ޤައުމުތަކުގައި ތިބެގެން ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލޭފަދަ އެތައްކަމެއް ކުރަމުންދާކަމަށެވެ. އަދި ބޭރުގެ އިސްތިޢުމާރީ ބާރުތަކުން ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ނަގާލުމަށް މަސައްކަތްކުރަމުންދަނީ މި ޤައުމުގައި އެހެން ދީންތައް ފެތުރުމަށް ފުރުޞަތު ހޯދުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމަށް ޒުވާނުން ފާޅުގައި ނޫނެކޭ ބުނަންޖެހޭކަމަށާއި، އެ ފުރުޞަތު ނުދިނުމަށްޓަކައި އެންމެ ބޮޑު ޤުރުބާނީއެއް ވުމުގެ ހަކަތަ ހުންނާނެ ބަޔަކީވެސް ދިވެހި ޒުވާނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި މަސައްކަތްތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ޤައުމުގައި ހުރި މައްސަލަތައް ފެންމަތިކޮށްގެން ނުވަތަ ހުރި މައްސަލަތައް ޙުއްޖަތެއް ގޮތުގައި ދައްކައިގެން ކުރެވޭ މަސައްކަތްތަކަކީ އެއްވެސް ހަގީގަތެއް އޮތްކަމެއް ނޫން. މި ޤައުމުގައި އެއްވެސް ހަމަނުޖެހުމެއް، ދިވެހިންނަށާއި ރާއްޖެއިން ބޭރު މީހުންނަށް އެއްވެސްވަރެއްގެ ދަތިވުމެއް ދަތިކުރުމެއް ނުވަތަ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހެއްގެ ފަރާތުން އެއްވެސް އުނދަގުލެއް ކުރެވިގެން ނުދާކަން ޤައުމުގައި ދިރިއުޅޭ އެންމެންވެސް ހެކިވާނެ. އެހެންނަމަވެސް މި ޤައުމުގައި އުޅޭ އެހެންބަޔަކަށް ދަތިވެދާނެކަމަށް ވިސްނާފަ މި ޤައުމަށް އިސްތިޢުމާރީ ބާރުތަކުގެ ނުފޫޒް ފޯރުވުމުގެ ނަމުގައި މަސައްކަތްތަކެއް ކުރެވިގެންދޭ." ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާރުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވަނީ އިސްލާމްދީނުގައި ޒުވާނުގެ މަތިވެރިކަމާއި އެމީހުންގެ ދައުރުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި އިސްލާމްދީނުގައި ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭބޭފުޅުންގެ ދިރިއުޅުމަށް ބައްލައި މިޤައުމާއި، ދީން ހިމަޔާތްކޮށް ޢަދާވާތްތެރިންގެ އަތްދަށުން ޤައުމު ސަލާމާތް ކުރެވޭނެ ބަޔަކަށް ޒުވާނުން ވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

"ޒުވާނުންގެ ދައުރު ސީދާކޮށް އަދި ނުސީދާކޮށްވެސް ކީރިތި ޤުރުއާންގައި ބަޔާންކޮށްދެއްވާފައިވޭ. އިސްލާމީ ތާރީޚަށް ވިސްނާ އޭރު ޒުވާނުންގެ ކިބައިން ފެނިފައިވާ އާދަތައް ދަމަހައްޓާ އެބޭބޭފުޅުން ނަމޫނާއަކަށް ބަލަންޖެހޭ. އަދި މި ޤައުމުގެ ޒުވާނުންގެ ހިތްތަކުގައި ދީނީ ޤައުމީ ލޯބި އިތުރުކުރުން މުހިއްމު." ޑރ. ޒިޔާދު ވިދާޅުވިއެވެ.

"ޒުވާނުންނާއި ޤައުމިއްޔަތު" ފޯރަމްއަކީ ޒުވާނުންގެ ހިތްތަކުގައި އިސްލާމީ އަޤީދާ ވަރުގަދަކޮށް ދީނީ ވަޙްދަތު ޙިމާޔާތް ކުރުމާއި، ޤައުމީރޫޙާއި ޘަޤާފަތް އާލާކުރުމަށްޓަކައި ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމްގައި ޤައުމިއްޔަތާއި ދިވެހި ޘަޤާފަތާއި، އާދަކާދައާއި ދިވެހިންގެ އިސްލާމީ ވަޙްދަތު ދެމެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ޒުވާނުންނަށް ކިޔާދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ޒުވާނުންނަށް ދިމާވާ ތަފާތު މައްސަލަތަކށް ހައްލު ހޯދާނެ ގޮތްތަކާއި، ޤައުމު ބިނާ ކުރުމަށް ލީޑަރުންގެ ޙައިޞިއްޔަތުން ކުރެވޭނެ ކަންކަން ކިޔާދޭނެއެވެ.