ޚަބަރު

ނަރުހުންނަށް، ވަޒީފާގައި ތިބެގެން ކިޔެވުމުގެފުރުޞަތު ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ނަރުހުންނަށް ވަޒީފާގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމާ ގުޅޭގޮތުން ހެލްތްމިނިސްޓްރީން މަޝްވަރާކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައު ވަޒީފާގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ނަރުހުންނަށް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ފަވާޒް ޝަރީފާއި އައިޖީއެމް ހޮސްޕިޓަލުގެ އިސްބޭފުޅުންނާއި، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލުގެ ކަމާގުޅޭ ޓެކްނިކަލްގެ މީހުންނާއެކުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ޢަބުދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މާލެއާއި އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު އެއްހަމައަކަށް ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޑޮކްޓަރުންނެކޭ އެއްގޮތަށް ނަރުހުންނަކީ ވެސް މަސައްކަތުގެ މާހައުލުގައި ތަޢުލީމާއި ތަމްރީންގެ ގޮތުން ގާބިލް ބަޔަކަށް ހަދަން ޖެހޭކަމަށެވެ.

އެގޮތުން އެންމެ ފަހުގެ ޒާމާނީވަސީލަތްތަކަށް އަހުލަވެރި ބަޔަކަށް ނަރުހުން ހެދުމަށްޓަކައި ޓްރޭނިންގ ޕްރޮގްރާމްތައް ހިންގާނެގޮތާގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ނަރުހުން ވަޒީފާގައި ތިބެގެން އިތުރު ތައުލީމާއި ތަމްރީން ހޯދުމުގެ ފުރުސަތު ހޯދުމާ ގުޅޭގޮތުން މިނިސްޓްރީން މަޝްވާރާކޮށްފައިމިވަނީ މިމަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަންފެށި ނަރުހުންގެ އާއޮނިގަނޑު ތަންފީޒް ކުރުމަށްޓަކައެވެ.

ކުރިން ޢަމަލު ކުރަމުންދިޔަ، ނަރުހުންގެ ވަޒީފާގެ އޮނިގަނޑާ ޚިލާފަށް އަލަށްޢަމަލުކުރަންފެށި އޮނިގަނޑުގައި 4 ކަމެއް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މުވައްޒަފުގެ ތަޢުލީމާއި މަސައްކަތުގެ ފެންވަރަށް ބަލައިގެން ކޮންމެ ދެ އަހަރަކުން ކުރިއެރުން ލިބޭގޮތަށާއި ނަރސިންގ ދާއިރާއިން މަތީތަޢުލީމް ހާސިލް ކުރުމުން އެދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ނަރުހުންގެ ޚިދުމަތަށް ސްޕެޝަލައިޒްޑް ނަރުހުން ތަޢާރަފްވާނެ ގޮތަށާއި އާއްމު އަދި ޚާއްސަ ދާއިރާތަކުން މަޤާމުގެ ކުރިއެރުން ލިބޭނެ ގޮތަށް މި އޮނިގަނޑު ވަނީ ބަދަލުކޮށްފައެވެ.