ޚަބަރު

ކުންފުނިތަކުގެ ބޯޑުގައި ހިމެނޭ އަންހެން މެމްބަރުންގެ ނިސްބަތް 50 އިންސައްތައަށް އިތުރުކުރާނަން- ރައީސް


ކުރިއަށް އޮތް ރިޔާސީ ދަޢުރެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގައި ހިމެނޭ އަންހެން މެމްބަރުންގެ ނިސްބަތް 20 އިންސައްތައިން 50 އިންސައްތައަށް އިތުރުކުރައްވާނެކަމަށް ރަޢީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރ.ހުޅުދުއްފާރަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ފުރަތަމަ ޢަމާޒު ހިފީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގެ 20 އިންސައްތައަކީ އަންހެނުންނަށް ހެދުމަށްކަމަށެވެ.

"ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ބޯޑުގައި 20އިންސައްތަ އަންހެނުން ހިމެނުމުގެ ޢަމާޒަށް މިހާރުވަނީ ވާސިލްވެވިފައި. އަންނަ ދަޢުރެއްގައި މި ޢަދަދު 50 އިންސައްތައަށް އިތުރުކުރާނަން." ރައީސް ވިދާޅުވިއެވެ.

ރ.ހުޅުދުއްފާރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ އެރަށުގެ ރައްޔިތުންނަށް އުފާވެރި ޚަބަރުތަކެއް ދެއްވާފައެވެ. އެގޮތުން ކުރިއަށް އޮތް ދައުރެއްގައި އެރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް، ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

"ކުރިއަށްއޮތް ރިޔާސީ ދައުރެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު މިރަށުގައި ހިންގާނަށް. އަދި ތަޢުލީމީ ނިޒާމު ހަރުދަނާ ކުރުމަށް މަލްޓިޕަރޕަސް ހޯލެއް ތަރައްޤީކުރައްވާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ ގިނަ މަޝްރޫޢު ހިންގާފައިވާ ރަށްރަށުގެތެރޭގައި ހުޅުދުއްފާރު ހިމެނޭކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިސަރުކާރުން ހުޅުދުއްފާރުގެ ތަރައްޤީއަށް 71 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.