ޚަބަރު

ރައީސް، ހުޅުދުއްފާރުގައި ސަރުކާރުން ޤާއިމްކޮށްދެއްވާފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރ. ހުޅުދުއްފާރުގައި ސަރުކާރުން ޤާއިމްކޮށްދެއްވާފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
ރައީސް ޔާމީން މިޚިދުމަތް ފައްޓަވާދެއްވީ ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.

ރައްޔިތުންނަށް ސާފު ފެނާއި ނަރުދަމާ ޔަޤީންކޮށްދެއްވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ރ. ހުޅުދުއްފާރުގައި ސަރުކާރުން ޤާއިމް ކޮށްދީފައިވާ ނަރުދަމާ ނިޒާމަކީ ސައުވީސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ޤާއިމްކޮށްފައިވާ ނިޒާމެކެވެ.

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީ އާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓާއި އޯޕެކް ފަންޑުގެ ދަށުން 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިމަޝްރޫޢުގެ ދަށުން ވަނީ ހުޅުދުއްފާރުގައި ތިން ޕަމްޕް ސްޓޭޝަން ބަހައްޓައި 7 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށްފައެވެ. އަދި މި މަޝްރޫޢުގެދަށުން ޤާއިމްކޮށްފައިވާ 250 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ޤާއިމްކޮށްފައިވަނީ އިތުރަށް ބޮޑުކުރެވޭގޮތަށެވެ. މިމަޝްރޫއުގެ ދަށުންވަނީ 329 ގެއަކަށް ޚިދުމަތް ގުޅާދީފައެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް ވަނީ 300 މީޓަރުގެ އައުޓްފޯލް ހޮޅިއެއްވެސް އަޅާފައެވެ. ހުޅުދުއްފާރުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުންދާނީ ފެނަކަ ކޯޕަރޭޝަނުންނެވެ.