ޚަބަރު

މިސްކިތްތަކަށް އިހުމާލުވުމަކީ ދީނަށް އިހުމާލުވުން - އިސްލާމިކް މިނިސްޓަރ


މިސްކިތަކަށް އަޅާނުލުމަކީ، ދީނާމެދު އަލާނުލާ ދޫކޮށްލުންކަހަލަ ކަމެއްކަމަށް އިސްލާމިކް މިނިސްޓަރ އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ މިސްކިތަކީ މިހާރު ނަމާދުކުރާ، އަދި ބޭނުންނުކުރާ މިސްކިތެއްނަމަވެސް، ފައިވާނާއި އެކު މިސްތަށް ވަދެއުޅުމަކީ މިސްކިތުގެ ޙުރުމަތްކެނޑުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ މީހަކު ދީނަށްކުރާ ލޯބި ފެންނާނަ އެންމެބޮޑު އެއްކަމަކީ، ދީނުގައި މާތްކުރައްވާފައިވާ ތަންތަނަށް އެމީހަކު ދޭ އަހަންމިއްޔަތުކަންކަމަށެވެ. އެގޮތުން މިސްކިތަށްދޭ އަހަންމިއްޔަތަކީ، ދީން މަތިވެރިކުރުމަށްދޭ އިސްކަން ހާމަވެގެންދާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިސްކިތްތައް ރަނގަޅު ނިޒާމެއްގެދަށުން ބެލެހެއްޓުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއްކަމަށެވެ. މީގެ އިތުރުން މިސަރުކާރުގެ 4 އަހަރުގެތެރޭގައި މިހާތަނަށް 40 އަށްވުރެ ގިނަ އާ މިސްކިތް ބިނާކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ 3 އަހަރުގެ ވެރިކަމުގައި މިސްކިތްތައް ކައުސިލްތަކާއި، ޖަމާޢަތްތަކާ ހަވާލުކޮށް މިސްކިތްތަކަށް ވަރަށްބޮޑަށް އިހުމާލުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ގިނަ މިސްކިތްތަކެއްގެ ކަރަންޓު ބިލްތައްވެސް ނުދައްކައި ހުރިކަމަަށާއި، މި ބިލްތައް ދައްކާފައިވަނީ މިސަރުކާރު ހަވާލުވުމަށްފަހުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިސަރުކާރު ވެރިކަމާ ހަވާލުވެ މިސްކިތްތައް މިނިސްޓްރީގެ ބެލުގެދަށަށްގެނެސް، މިސްކިތްތައް އާރާސްތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އިދިކޮޅުފަރާތްތަކުން އަނެއްކާވެސް މިސްކިތްތައް ކައުންސިލްތަކާއި، ޖަމާތްތަކާއި ހަވާލުކުރާވާހަކަ ދައްކަމުންދާކަމަށާއި، މިކަން މިހެން ވެއްޖެނަމަ މިސްކިތްތައް ވަރަށްބޮޑަށް ނިކަމެތިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިދިކޮޅު މީހުން އިތުރު ދެ އަހަރު ތިބިނަމަ ވާނެގޮތް ވިސްނާ. ދީނީ ކަންކަން ރާއްޖޭގައި ހަރުދަނާވެގެންނުދާނެ. އެމީހުންގެ ފިކުރުގައި ހުރި އެއްޗެއް އެމީހުންނަށް ރައްޔިތުންނަށް ވިއްކޭނީ." އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އިސްލާމް، ދިވެހި މާއްދާ އިޚްތިޔާރީ މާއްދާތަކަކަށް ހަދަންއުޅުކަމަށާއި، ޢަރަބި ތަޢުލީމުވެސް އުވާލަން މަސައްކަތްކުރިކަމަށެވެ.