ޚަބަރު

ރައީސް ޔާމީންގެ ފަރާތުން ލަންކާގައި އުޅޭ ދިވެހިންނަށް 21 ވަޢުދެއް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް ހޮވި ވަޑައިގެންފިނަމަ ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކޮށްދެއްވާނެ ކަންތައްތަކުގެ މެނިފެސްޓޯ އިފްތިތާޙުކޮށްފިއެވެ.

ކޮލަމްބޯގައި ހުންނަ ޝަހްރާން ބެންކުއެޓް ހޯލްގައި އޮތް ރަސްމިއްޔާތެއްގައި ލަންކާގައި އުޅޭ ދިވެހިންނަށް ކޮށްދޭނެ ކަންތައްތަކުގެ މެނިފެސްޓޯ އިފްތިތާޚުކޮށްދެއްވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސެއިން ޝަރީފްއެވެ.

ލަންކާގައި އުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން އިފްތިތާޙުކުރި މެނިފެސްޓޯގައި މުޅިން އާ ޚިދުމަތްތަކަކާއި މިހާރު ލިބެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް މެނިފެސްޓޯގައި ވަނީ 21 ވަޢުދެއް ހިމަނާފައެވެ.

މުޙައްމަދު ހުސެއިން ޝަރީފް ވިދާޅުވީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ކޮށްދެއްވާފައިނުވާ އެތައް ޚިދުމަތްތަކެއް ރައީސް ޔާމީންގެ ސަރުކާރުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކޮށްދެއްވާފައިވާކަމަށެވެ.

ލަންކާގައި އުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން އިފްތިތާޙުކުރި މެނިފެސްޓޯގައި ތަޢުލީމީ ކަންކަމާއި ސިއްޙީ ކަންތައްތަކުގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ އިތުރު ޚިދުމަތްތައް ފޯރުކޮށްދެއްވަން ވަނީ ހިމަނާފައެވެ. މިގޮތުން އާސަންދައާއި އެންސްޕާގެ ޚިދުމަތް ލުއި ފަޞޭހަ ނިޒާމެއްގެ ދަށުން ހަމަޖައްސައިދިނުން ވަނީ ހިމަނާފައެވެ. އަދި ވިސާ ޖެހުމަށް، ސްރީލަންކާގެ ސަރުކާރާއެކު އާ ކޮންސިއުލަރ އެމްއޯޔޫއެއް ޤާއިމްކޮށް، ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.

އަދި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސާކޮށްގެން ސޯސަން ވިލާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ޤާއިމްކުރުމަށް ނިންމާފައިވާއިރު ޒުވަނުންނަށް ޚާއްސަކޮށްގެން ސޯސަންވިލާގައި އިތުރު ކުޅިވަރުތައް ކުޅޭވޭނެ ވަޞީލަތްތައް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހި ޒުވާނުންނަށް ޚާއްސަކޮށްގެން ސަރުކާރުން ކުރިއަށްގެންދާ ލޯނު ސްކީމްތައް ކުރިއަށްގެންދިއުމަށްވެސް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

ލަންކާގައި އުޅޭ ރައްޔިތުންނަށް ޚާއްސަކޮށްގެން މެނިފެސްޓޯ އިފްތިތާޙުކޮށްފައިވާއިރު، މިހާރުވެސް ސަރުކާރުން ދަނީ ލަންކާގައި އުޅޭ ދިވެހިންގެ ފަޞޭހައަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަމުންނެވެ. މިގޮތުން ލަންކާގައި އުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމް، ދިވެހި އަދި ޤުރުއާން މާއްދާ ކިޔަވައިދިނުންފަދަ ކަންތައް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.