ޚަބަރު

ޤާނޫނާ ޚިލާފުވި އެއްވެސް މީހަކަށް މިސަރުކާރުން ފިޔަވަޅު ނާޅައި ދޫކޮށްލާފައެއް ނުވޭ - ބަންޑާރަނާއިބު


ޤާނޫނާ ޚިލާފުވި އެއްވެސް މީހަކާމެދު ފިޔަވަޅުނާޅާ މި ސަރުކާރުން ދޫކޮށްލާފައި ނުވާ ކަމަށް ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ތަރައްޤީ އައު ޒަމާނަކަށް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ދައުލަތުގެ ބަންޑާރަނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވީ، ސަރުކާރުން ޤާނޫނާ ޚިލާފުވާ ވާހަކަ ބަޔަކު ދެއްކި ނަމަވެސް، ސަރުކާރަކުން ޤާނޫނާ ޚިލާފު ވުމަކީ ޤާނޫނާ ޚިލާފު ކަންތައްތަކެއް ހިނގައި އެކަމާމެދު ފިޔަވަޅު ނޭޅުން ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ 4 އަހަރާއި 9 މަސްތެރޭގައި ސަރުކާރުގެ ތެރޭގައިވިޔަސް ޤާނޫނާ ޚިލާފުކަމެއްކޮށްފައިވާ އެއްވެސް މީހަކާމެދު ފިޔަވަޅު ނާޅައި ދޫކޮށްލާފައި ނުވާކަމަށް ބަންޑާރަނާއިބު ވިދާޅުވިއެވެ. އެކަމުގައި ވަކި މީހަކު އިސްތިސްނާނުކުރާ ކަމަށާއި، ހަމަހަމަކަމާއިއެކު މި ސަރުކާރުން ޤާނޫނު ތަންފީޒުކުރަމުންދާދިއުމަކީ ޤާނޫނީ ނިޒާމަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އަދި މި ސަރުކާރު ތެރޭގައި ޤާނޫނާ ޚިލާފުކަންކަން ކުރުމަށް ފުރުސަތު ނެތްކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

"މި ސަރުކާރުގައި މި ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ތެރެއިން މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވޭކަމަށް ވަންޏާ އެއީ ރައީސްކަން ކުރައްވާފައިހުރި ބޭފުޅެއްކަމުގައިވިޔަސް، ނައިބުރައީސްކަން ކުރައްވާފަ ހުރި ބޭފުޅެއްކަމުގައި ވިޔަސް ތަފާތު ކުރުމެއްނެތި އެކަންކަން ބެލެމުން އެބަދޭ. ދައުލަތުގެ މުއައްސަސާއެއް ހަވާލުވެ ހުރި މީހެއްކަމުގައިވެއްޖިއްޔާ އެމައްސަލަ ބެލެމުންދޭ. އެހެންވީމަ އަޅުގަނޑު ހަމަ ވަރަށް ޔަޤީންކަމާއިއެކީ މިދަންނަވަނީ މިސަރުކާރުގެ ތެރޭގައި ޤާނޫނާއި ޙިލާފުކަންކަން ކުރުމަކަށް ފުރުސަތެއްނެތް." ދައުލަތުގެ ބަންޑާރަނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ، ރައީސް ޔާމީން ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރެވޭނީ ކިހިނެތްތޯ އޮޅުންފިލުއްވާކަމަށާއި، ޤާނޫނާ ޚިލާފު ކަމެއް ކުރުމަށް ދުވަހަކުވެސް ރައީސް އިރުޝާދު ނުދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.