ޚަބަރު

ކޮރަޕްޝަނުގެ މައްސަލަތައް ޝަރީޢަތާހަމައަށް ގެންދަންކެރުނީ މިސަރުކާރަށް - ނިހާން


އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ވާހަކައާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަނީ ސާބިތު ނުހިފޭ ދޮގު ވާހަކަތެއް ކަމަށާއި އެއީ ގަސްތުގައި ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން ހިންގާ ޖަރާމާއެއް ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކް ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ، މިސަރުކާރުގެތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުނުން ނިންމުމާއި ގުޅޭ ގޮތުން އެކަމަށް ރައްދުދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. ނިހާން ވިދާޅުވީ، އެމްއެމްޕީއާރްސީގެ 80 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަނީ، އެމައްސަލައިގެ ހިމެނޭ ކުރީގެ ނާއިބް ރައީސް އަޙުމަދު އަބީދު ދައްކާ ވާހަކަތެކެއްގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު، އޭނާޔަކީ މިކަމުގެ ބައިވެރިވުމުގެ ސަބަބުން ޖަލަށް ލާފައިވާ ޤައިދީއެއްކަމަށެވެ.

ނިހާން ވަނީ، މިއީ ގަސްތުގައި ރިޔާސީ އިންތިޚާބަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ނުފޫޒު ފޯރުވުމަށް އެމްޑީޕީއިން ހިންގާ ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި ހިމެނޭ މީހުންގެ މައްސަލަތައް ޖިނާއީ ޢާދުލުގެ ނިޒާމުގެ ތެރެއިން ތަޙުޤީޤްކުރެވި ދިގު މުއްދަތަކަށް ޖަލަށް ލާފައިވާކަން ފާހަގަކުރައްވައި ނިހާން ވިދާޅުވިއެވެ. ކޮރަޕްޝަންގެ މައްސަލަތައް ފަނޑިޔާރުގެއާ ހަމަޔަށް ގެންގޮސް ޙައްލުކުރަންކެރުނު ހަމައެކަނިސަރުކާރަކީ މިސަރުކާރު ކަމަށެވެ.

ނިހާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކޮރަޕްޝަންގެ ވާހަކަދައްކާއިރު، އެމްޑީޕީގެ ސަރުކާރުގައި އެކި މިނިސްޓްރީތަކުން 1.57 ބިލިއަން ރުފިޔާއަށް ވީނުވީއެއް ނޭގި ގެއްލިފައިވާކަން އޮޑިޓު ރިޕޯޓުތަކުން ހާމަވާ ކަމަށާއި މިފައިސާއަށް ވީގޮތެއް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހު ސާފުކޮށްދެއްވަން ޖެހޭކަމަށެވެ. ދައުލަތަށް ލިބެންޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ފާހަގކުރެވޭ 23 ބިލިއަން ރުފިޔާ އެބަހުރިކަމަށާ އެފައިސާ މިސަރުކާރުން ހޯދާނެކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ނިހާން ވަނީ އިދިކޮޅު ފަރާތްތަކުން، މިސަރުކާރުގެ އިސްވެރިންގެ އަބުރުނަގާލައި އެބޭފުޅުންގެ އިސްތަށިފުޅުގައި އަސްލެއްނެތް ދޮގު ތުހުމަތުތައް އަޅުއްވަމުންދާދިއުން ކުއްވެރިކުރައްވާފައެވެ.