ޚަބަރު

ވޯޓާސްލިސްޓު އޮޅުވާލުމަށް ބަޔަކުގަސްތުގައި މަސައްކަތްކޮށްފައިވޭ، ދަޢުވާކުރާނަން - އީސީ


ގަސްތުގައި ވޯޓަރސް ލިސްޓު އޮޅުވާލުމުގެ ބޭނުމުގައި ރީ-ރަޖިސްޓްރޭޝަނަށް އެއްހާސް އަށްސަތޭކަށްވުރެ ގިނަ ފޯމް ހުށައަޅާފައިވާކަމަށާ، އެފަރާތްތަކާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަނުން ދަޢުވާކުރާނެކަމަށް އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށްވަމުންދާ އެންމެފަހުގެ ތައްޔާރީތަކާގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާ ނިމި، ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓު އެކުލަވާލާ ނިމިފައިވާކަމަށެވެ. އެގޮތުން ރީ-ރަޖިސްޓްރޭޝަނަށް އެދި އެކޮމިޝަނަށް ހުށައެޅި ނުވަދިހަ ފަސްހާހަށްވުރެގިނަ ފޯމުގެ ތެރެއިން، ސައްޙަ ފޯމުގެ ގޮތުގައި އެކޮމިޝަނަށް ބަލައިގެންފައިވަނީ ޖުމްލަ ހަތްދިޔަ އަށްހާސް ނުވަ ސަތޭކަ ފަސްދޮޅަސް ހަތަރު ފޯމު ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެހުރިހާ ފަރާތްތަކެއް މަޢުލޫމާތު ހިމެނުމަށްފަހު ވޯޓަރސް ރަޖިސްޓްރޭޝަން ލިސްޓް މިހާރު އެކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށްފައިވާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ވޯޓަރސް ރަޖިސްޓްރީ އިޢުލާންކުރުމަށް އެހާދިގު މުއްދަތެއްނެގީ، ވޯޓަރސް ލިސްޓް އޮޅުވާލައި ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ލަސްކުރުމަށް ބަޔަކު މީހުން ގަސްތުގައި މަސައްކަތްކޮށްފައިވާތީކަމަށެވެ. އެގޮތުން ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ބާޠިލުކުރި ފަސްހާސް ހަސަތޭކަ ސައްބީސް ފޯމުގެ ތެރޭގައި އޮޅުވާލައިގެން ރީ-ރަޖިސްޓްރީކުރުމަށް ހުށައެޅި އެއްހާސް އަށްސަތޭކަ ނުވަދިހަ 2 ފޯމް ހިމެނޭކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެެވެ.

އަދި އެފޯމުތައް ހުށައެޅި ފަރާތްތަކާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަނުން ދަޢުވާ ކުރާނެކަމަށާއި، އެފޯމުތައް ހުށަހެޅި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ތަހުޤީޤީ އިދާރާތަކާ ގުޅިގެން މިހާރު ކުރަމުންދާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަންގެ މަރުހަލާ މިހާރު ނިމިފައިވާއިރު، ރީ-ރަޖިސްޓްރީކުރުމުގެ ފުރުޞަތު އެކޮމިޝަނުން ދެވަނަ ފަހަރަށް ދީފައިވަނީ ސައްޙަކަން ކަށަވަރުނުވުމުގެ ސަބަބުން ފޯމު ބާތިލުކުރި ފަރާތްތަކަކަށް އެކަނިކަމަށެވެ. އަދި އެނޫން ފަރާތަކަށް ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަނޭޅޭނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި މިހާރު ޢާއްމުކޮށްފައިވާ ވޯޓަރސް ރަޖިސްޓްރޭޝަން ލިސްޓް ދައްކާގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ ދެލައްކަ ފަސްދޮޅަސް ދެހާސް އެއްސަތޭކަ ތިރީސް ފަސް މީހުންނަށް ވޯޓުލުމުގެ ހައްޤުވަނީ ލިބިފައެވެ. ރީ-ރަޖިސްޓްރޭޝަން މަރުހަލާ ނިންމުމަށްފަހު ވޯޓު ފޮށި ބަހައްޓާނެ ޢަދަދުތަކަށްވެސް އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ބަދަލުގެނެސްފައެވެ.

އެގޮތުން ރިޔާސީ އިންތިޚާބަށް ވޯޓުލުމަށްޓަކައި ބެހެއްޓުމަށް އެކޮމިޝަނުން ނިންމާފައިވަނީ ޖުމްލަ 472 ވޯޓު ފޮއްޓެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 122 ފޮށްޓާއި، މާލޭ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްރަށް ހިމެނޭހެން 302 ފޮށްޓާއި، ރިސޯޓުތަކުގައި 35 ފޮށްޓާއި، ޖަލުތަކާއި ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައި ބަހައްޓާ 8 ފޮށްޓެއްގެ އިތުރުން ރާއްޖޭން ބޭރުގައި ބަހައްޓާ 5 ވޯޓުފޮއްޓެވެ.