ޚަބަރު

ވޯޓާރސް ރަޖިސްޓްރީ އިޢުލާންކުރުން ލަސްވީ ބަޔަކު ރީރަޖިސްޓްރޭޝަން އޮޅުވާލަން މަސައްކަތް ކުރުމުން - އީސީ


ވޯޓާސް ރަޖިސްޓްރީ އިޢުލާންކުރުން ލަސްވެގެންދިޔައީ ރީރަޖިސްޓްރޭޝަން ޕްރޮސެސް އޮޅުވާލުމަށް ބަޔަކު މަސައްކަތް ކޮށްފައިވާތީކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ރީރަޖިސްޓްރީވުމުގައި އެހާ ދިގު މުއްދަތެއް ނެތީ، ރިޔާސީ އިންިތިޚާބުގެ ރީރަޖިސްޓްރޭޝަން ޕްރޮސެސް އޮޅުވާލުމަށް ބަޔަކު މަސައްކަތްކޮށްފައިވާތީ ކަމަށެވެ. އެގޮތުން އޮޅުވާލައިގެން ރީރަޖިސްޓްރީ ކުރުމަށް 1،892 ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. މި ފޯމްތައް ހުށަހެޅި ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރާނެކަމަށާއި، ފޯމްތައް ހުށަޙެޅި ފަރާތްތައް ދެނެގަތުމަށްޓަކައި ފުލުހުންނާ ގުޅިގެން މިހާރު މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މި ފޯމްތަކަކީ ކޮން ފަރާތަކުން ހުށަހަޅާފައިވާ ފޯމްތަކެއްކަން މި ވަގުތު ޢާންމުކުރަން ބޭނުންނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެހެންނަމަވެސް ކޯޓް މަރުޙަލާގައި މިކަން ކުރި ފަރާތްތައް އެނގިގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.