ޚަބަރު

މިހާތަނަށް 78 ހާހަށްވުރެ ގިނަ މީހުން ރީރަޖިސްޓްރީވެއްޖެ


ރިޔާސީ އިންތިޚާބަށް ރީރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 78 ހާހަށްވުރެ ގިނަ މީހުން މިހާތަނަށް ރީރަޖިސްޓްރީވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިހާރު ކުރިއަށްދާ އިލެކްޝަންސް ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ރީރަޖިސްޓްރީ ވުމަށް މިހާތަނަށް 95،739 ފޯމް ހުށަހަޅާފައިވާއިރު، މިހާތަނަށް ރީރަޖިސްޓްރީވެފައިވަނީ 78،964 މީހުންކަމަށެވެ. މިހާތަނަށް ހުށަޙަޅާފައިވާ ފޯމްތަކުގެ ތެރެއިން ޞައްޙަކަން ކަށަވަރު ނުވާ 5،626 ފޯމް ހިމެނޭ ކަމަށާއި، ތެރޭގައި އެމްޑީޕީން ހުށަޙެޅި 2،076 ފޯމާއި، ޕީޕީއެމުން ހުށަޙެޅި 1،789 ފޯމް ހިމެނޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި 472 ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން ވޯޓްފޮށި ބަހައްޓަން ހަމަޖެހިފައިވަނީ މާލޭ ރައްޔިތުންނަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި 55 ފޮށި، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 67 ފޮށި، ރިޒޯޓްތަކުގައި 35 ފޮށި، ޖަލުތަކުގައި 4 ފޮށި، ރާއްޖެއިން ބޭރުގައި 5 ފޮށި، ސިނާޢީ ސަރަހައްދުތަކައި 4 ފޮށި، އަތޮޅުތެރެ، އައްޑޫ އަދި ފުވައްމުލަށް ސިޓީގައި 302 ފޮއްޓެވެ.