ޚަބަރު

އިދިކޮޅު ކެނޑިޑޭޓަށް 36 މީހުން މަރުހަބާކީ މާބައިދޫން ޑރ. ޝަހީމަށް ހޫނު މަރުހަބާއެއް


އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހަށް 36 މީހުން މަރުހަބާކީ ހައްދުންމަތި މާބައިދުއަށް ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަޑައިގެންނެވުމުން ހޫނު މުރަހަބާއެއް ދަންނަވައިފިއެވެ.

ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޑރ. ޝަހީމް މާބައިދުއަށް ވަޑައިގެންނެވުމުން އެރަށު ބަނދަރު ސަރަހައްދުން މެންދުރުގެ ހޫނު ގަދަ ގަޑީގައިވެސް އެއްތައްސަތޭކަ މީހުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އޭގެ ތެރޭގައި އެރަށުގެ ދެ ޖިންސްގެ އެކި ޢުމުރުފުރާތަކުގެ މީހުން ހިމެނެއެވެ.

ޑރ. ޝަހީމްގެ މިދަތުރުފުޅުގައި މާބައިދޫ ގޭގެއަށް ޒިޔާރަތް ކުރައްވައި ތަފާތު ފިކުރުތަކުގެ ރައްޔިތުންގެ ޙާލު ބައްލަވާލައްވާ އެ ބޭފުޅުންގެ އިހުސާސްތައް ވަނީ އަޑު އައްސަވާފައެވެ. އަދި ކެމްޕެއިން މެނޭޖަރުންނާއި އެކިއެކި ޢުމުރުފުރާތަކުގެ ގްރޫޕްތަކާ ވަނީ ބައްދަލު ކުރައްވާފައެވެ.

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. ޝަހީމަށް މާބައިދޫން މިހާ ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، މިދިޔަ މަހުގެ ކުރީކޮޅު އިދިކޮޅު ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް މާބައިދޫ ބަނދަރު ސަރަހައްދަށް ޖަމާވެފައި ވަނީ އެންމެ 36 މީހުންކަން ފާހަގަ ކޮށްލެވެއެވެ.

މާބައިދޫގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ކެމްޕެއިން ޓީމުން ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެރަށު ރައްޔިތުންގެ ތިންބައިކުޅަ ދެބަޔަށްވުރެވެސް ބޮޑު އަޣްލަބިއްޔަތެއް ރައީސް ޔާމީނަށް އެބައޮތްކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެޢަދަދު އެއަށްވުރެވެސް އިތުރުވާނެ ކަމަށް މާބައިދޫ ރައްޔިތުން ވަނީ ބުނެފައެވެ.