ޚަބަރު

އެއްވެސް ޢިލްމުވެރިއަކާމެދު ނުޙައްޤުން ފިޔަވަޅު ނާޅަން - އިސްލާމިކް މިނިސްޓަރ


ޝައިޚް އިލްޔާސަށް ދީފައިވާ ދަރުސް ދިނުމުގެ ހުއްދަ ބާޠިލުކުރިވާހަކަ ދައްކާއިރު، އެކަން ކޮށްފައިވާ އުސޫލާއި އަދި އަނބުރާ ހުއްދަ ދިން ވާހަކަވެސް ދައްކަން ޖެހޭކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ ޝައިޚް އިލްޔާސްއަށް ދީފައިވާ ދީނީ ފަތުވާ ދިނުމުގެ ހުއްދަ ބާޠިލްކުރި ކަމަށް ބުނެ ހަޤީޤަތާއި ޚިލާފަށް ސޯޝަލް މިޑިޔާގައި މައުލޫމާތު ފަތުރަމުންދާތީ އެކަމަށް ރައްދު ދެއްވާ ވާހަކަދައްކަވުމުންނެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ ކުރީގެ އެއްވެސް ސަރުކާރެއްގައި ދީނި ޢިލްމުވެރިންނަށް ނުދޭހާ ފުރިހަމަ ޙައްޤުތައް ރައީސް ޔާމިންގެ ސަރުކާރުގައި ދީނީ ޢިލްމުވެރިންނަށް ދީފައިވާކަމަށެވެ. އަދި ދީނީ ޢިލްމުވެރިއަކާމެދު ފިޔަވަޅެއްއަޅާނަމަ، އޭގެކުރިން މިނިސްޓްރީއަށް ހާޟިރުކޮށް ނަސޭހަތްދިނުމަށްފަހު ނޫނީ އެއްވެސް ފިޔަވަޅެއް ނާޅާކަން ފާހަގަކުރެއްވިއެވެ.

ސަރުކާރުން އިލްމުވެރިންނަށް އަނިޔާކުރަމުންދާކަމަށްބުނެ، ޝައިޚް އިލްޔާސް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ސިޓީއަށް ރައްދުދެއްވަމުން މިނިސްޓަރ ވިދާޅުވީ، އިލްޔާސަށް ދީފައިވާ ހުއްދަ އޭރު ބާތިލްކުރިވާހަކަ ދައްކާއިރު، އެކަން ކޮށްފައިވާނީ އޮންނަ އުސޫލާ އެއްގޮތަށްކަމަށެވެ. އަދި އެވާހަކަ ދައްކާއިރު އަލުން އަނބުރާ ހުއްދަ ދިން ވާހަކަވެސް ދައްކަން ޖެހޭކަން ފާހަގަކުރައްވަމުން، މިނިސްޓަރ ވަނީ ޙަޤީޤަތް އޮޅޭގޮތަށް މިފަދަ ވާހަކަތައް ފެތުރުމަކީ ފިތުނަ އުފެދުމަށް މަގުފަހިވާ ކަންކަން ކަމުން މިފަދަ ވާހަކަތައް ޢާންމުންނަށް އޮޅޭގޮތަށް ނުފެތުރުމަށް އިލްތިމާސް ކުރައްވާފައެވެ.

އިސްލާމިކް މިނިސްޓަރ އަޙްމަދު ޒިޔާދު ވިދާޅުވީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިންވެސް، ދީނީ އިލްމުވެރިންގެ ދަޢުރު ހަނދާން ނައްތާލައިގެން ނުވާނެކަމަށެވެ. އެފަދަ ފަރާތްތައް ވާންވާނީ ޤައުމަށް އިޚްލާސްތެރި، މުޖުތަމަޢަށް ފައިދާހުރި ބަޔަކަށްކަމަށް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ޢިލްމުވެރިންނަކީ ޤައުމީ ބޮޑު ޒިންމާއެއް ކޮނޑުގައި އެޅިފައިވާ ބައެއްކަމަށާއި، ދީން ކުރިއަރުވައި، ޢާއްމު ރައްޔިތުންނަށް ނަމޫނާ ދެއްކުމަކީ ކޮންމެ އިލްމުވެރިއެއްވެސް ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޤައުމަށް ނިކަމެތިކުރުމަށް ބަޔަކު މަސައްކަތް ކުރާނަމަ، ނުވަތަ އެފަދަ ގޮތަކަށް އަޑުފަތުރާނަމަ، ޤައުމުގެ ދިފާޢުގައި ތެދުވަންޖެހޭ. އަދި އެކަމުގައި އިލްމުވެރިންގެ އަޑު އިއްވަންޖެހޭ."

މިނިސްޓަރ ވިދާޅުވީ ކުރިން އިލްމުވެރިންނަށް ނުލިބޭ އެތަށް ފުރުސަތުތަކެއް މި ސަރުކާރުން ފަހިކޮށްދީފައިވާކަމަށާއި، ދީން ކުރިއެރުވުމަށް އެތައް މަސައްކަތްތަކެއް ކުރަމުންއަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އިމާމުން ޑިޕްލޮމާ ފެންވަރަށް ތަމްރީންކުރުމާއި، ޑިގްރީ ފެންވަރަށް ތަޢުލީމުދޭން ފެށުމާއި، އަދި ބޭރު ޤައުމުތަކުގައި ތިބޭ ދިވެހި ކުދިންނަށް ދިވެއްސާއި، ދީނީ ޢިލްމު އުނގަންނައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރެއްވިއެވެ.