ޚަބަރު

ޖޯން މެކެއިން އަވަހާރަވެއްޖެ


އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޖޯން މެކެއިން އަވަހާރަވެއްޖެއެވެ. ޢުުމުރުން 81 އަހަރުގައި މެކެއިން އަވަހާރަވީ، ސިކުނޑީގެ ކެންސަރުގެ އާލާސްކަންފުޅުގައި އަހަރުދުވަސް ހޭދަކުރެއްވުމަށްފަހުގައެވެ.

ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގެންނެވި މެކެއިންގެ ނަން މަޝްހޫރުވެގެންދިޔައީ 2008 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ބަރަކް އޮބާމާއާ ދެކޮޅަށް ވާދަކުރެއްވި ކެންޑިޑޭޓުގެ ގޮތުންނެވެ. އެއަށް ފަހު މެކެއިންގެ މަޤުބޫލުކަން އިތުރުވެގެން ދިޔައީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައެއް ސިޔާސަތުތަކަށް، ރިޕަބްލިކަން ޕާޓީގެ ތެރެއިން ފާޑުވިދާޅުވި ބޭފުޅެއްގެ ހައިސިއްޔަތުންނެވެ. ތިރީސް އަހަރަށްވުރެ ގިނަ ދުވަހު، އެރިޒޯނާ ސްޓޭޓްގެ ސެނެޓަރުގެ މަޤާމު އަދާކުރައްވާފައިވާ މެކެއިނަކީ، އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލެއްގެ ގޮތުން ވިއެޓްނާމް ހަނގުރާމައިގައި ޢަމަލީ ސިފައެއްގައި ބައިވެރިވެވަޑައިގަތް ބޭފުޅެކެެވެ.

މެކެއިންގެ މަރަކީ ޤައުމީ ހިތާމައެއްކަމުގައި ކަނޑައަޅާ، އެމެރިކާގެ ޤައުމީ ދިދަ ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.