އެމްއެމްޕީއާރްސީން ގެއްލިފައިވާ ފައިސާ ހޯދުމުގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި ގެއްލުނު ފައިސާ ހޯދައިދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ތ. ގުރައިދޫ ރައްޔިތުންނާއި މިއަދު ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން ވަނީ އެމްއެމްޕީއާރްސީން ގެއްލިފައިވާ ފައިސާ ހޯދާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞޯލިހް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ކަމުގައިވިޔަސް ދަޢުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަކީ އެއިރެއްގައި ހުންނަވާ ވެރިއަކު ކުރުން ލާޒިމް ކަމެއް ކަމަށެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމުގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި ދަޢުލަތުން ގެއްލުނު ފައިސާ ހޯދަންޖެހޭ ކަމަށެވެ.
"ފުރަތަމަ މި ފައިސާ ހޯއްދަވައި ދެއްވާ ދެވަނައަށް އެފްޕީއައިޑީން ގެއްލުނު ފައިސާ ހޯއްދަވައި ދެއްވާ. އަދި އެ ފައިސާ ހޯދަން އަޅުގަނޑު މި ދަންނަވަނީ އެބޭފުޅުންނަށް ކެރިވަޑައެއް ނުގަންނަވާނެ. ނާގާބިލުވާނެ އެކަންކަން ކުރައްވަން. އެއީ އެކަންކަމާ ގުޅިފައި ތިބި މީހުން އެމްޑީޕީގެ އިސްސަފުގައި ތިބީމަ. މިއަދުވެސް އެބޭފުޅުންގެ ހަރަކާތްތަކަށް އެބޭބޭފުޅުންގެ ފައިސާ ލިބެމުން ދާތީ" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ހޯދަން އިބްރާހީމް މުޙައްމަދު ސޯލިޙް ތަހްޤީގުތަކެއް ކުރާކަށް ނުޖެހޭނެ ކަމަށެވެ. އޭސީސީން އެމްއެމްޕީއާރްސީގެ ތަހްޤީގު ކުރިއަށް ގެންގޮސް ތަހްޤީގު ނިމިފައިވާކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމްއެމްޕީއާރްސީން ގެއްލުނު ފައިސާ ލިބުނީ ކޮން ބަޔަކަށްކަން ވަރަށް ރަނގަޅަށް އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ދަޢުލަތުގެ މާލިއްޔާއިން އެ ފައިސާ ގެއްލުނު ގޮތް ދިވެހި ރައްޔިތުންނަށްވެސް އިނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އެކަމަކުވެސް އުފެދޭ ސުވާލަކީ މިވާހަކަ ދައްކާއިރުވެސް މި ފައިސާ ހޯދަން އެބޭފުޅުން މަސައްކަތް ކުރަންޖެހޭ. އެއީ އަޅުގަނޑުމެން މަސައްކަތް ކޮށްފިން، އަޅުގަނޑުމެންނަށް އިނގޭ މި ފައިސާ ގެއްލިފައިވާކަން އެކަމަކު މި ފައިސާ ހުރިތަން އަޅުގަނޑުމެންނަށް ނޭނގެނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމްޑީޕީ ވެރިކަމުގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށް އަލިއަޅުއްވާ ވާހަކަ ދެއްކެވިއެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި 1.2 ބިލިއަން ރުފިޔާގެ މައްސަލަ ހަމައެކަނި އޯޑިޓް ރިޕޯޓްތަކުން ސާބިތުވާކަން ރައީސުލްޖުމްހޫރިއްޔާ ފަހަގަކުރެއްވިއެވެ.