ޚަބަރު

ރިޔާސީ ބަހުސް ކެންސަލްކުރުމުގެ ވިސްނުމެއް ނެތް - ޤައުމީ ޔުނިވަރސިޓީ


"އެމްއެންޔޫ ރިޔާސީ ބަހުސް 2018" ކެންސަލްކުރުމުގެ ވިސްނުމެއް ނެތްކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބުނެފިއެވެ.

"އެމްއެންޔޫ ރިޔާސީ ބަހުސް 2018" ގެ ނަމުގައި މިފަހަރުގެ ރިޔާސީ ބަހުސް އިންތިޒާމްކޮށް ބޭއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީންނެވެ. ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދަޢުވަތު، އެންމެ ފުރަތަމަ ޤަބޫލުފުޅުކުރެއްވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި ރިޔާސީ ބަހުސްއަށް ފުރިހަމަ އެއްބާރުލުންދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުޙައްމަދު ޞާލިޙު މިފަހަރުގެ ރިޔަސީ ބަހުސްގައި ބައިވެރިވަޑައިގަތުމަށް ނިންމެވުމަށްފަހު، މިހާރުވަނީ އެ ނިންމެވުން އަނބުރާ ގެންދަވާފައެވެ.

މިކަމާގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ވިދާޅުވީ، ރިޔާސީ ބަހުސް ކެންސަލްކުރުމުގެ ވިސްނުން އެ ޔުނިވަރސިޓީން އަދި ނުގެންގުޅޭކަމަށާއި، ބަހުސް ކުރިއަށްގެންދިއުމަށްޓަކާ ވާންޖެހޭ އެންމެހާ ތައްޔާރީތައް ކުރިއެކޭވެސް އެއްގޮތަށް ކުރަމުންދާކަމަށެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުންވެސް މި ބަހުސްގައި ބައިވެރިވެވަޑައިގަތުމަކީ އެ ޔުނިވަރސިޓީން ކުރާ އުއްމީދެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ ބަހުސްއަކީ ކުރިއަށްއޮތް 5 އަހަރުގެ ދަޢުރަކަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތްކުރައްވާ ކެންޑިޑޭޓުންގެ ވަނަވަރާއި، އެބޭފުޅުންގެ ޢިލްމީ ތަޖުރިބާ، އަދި ހަމައެހެންމެ ޤައުމުގެ ކުރިމަގާމެދު އެބޭފުޅުން ގެންގުޅުއްވާ ތަޞައްވުރާއި، ތަރައްޤީގެ ޗާޓު އާއްމުންނަށް ދައްކާލުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެކެވެ. އަދި މިއީ ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކާ މިނެ ކިރާލަން އާއްމު ރައްޔިތުންނަށްވެސް ލިބޭނެ މުހިއްމު ފުރުޞަތެކެވެ. ދިވެހިރާއްޖެއަށް މަލްޓި-ޕާޓީ ޑިމޮކްރަސީ ތަޢާރަފުވިފަހުން މިހާތަނަށް ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބަކާ ދިމާކޮށް ރިޔާސީ ބަހުސް ބާއްވާފައިވާއިރު، އެ ހުރިހާ ބަހުސްއަކަށްވެސް ރިޔާސީ ކެންޑިޑޭޓުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިފައިވެއެވެ.

ރިޔާސީ ބަހުސަކީ ޢިލްމީ އަދި ހުރިހާ ގޮތަކުންވެސް ރައްޔިތުން ބަލައިގަންނަ ބަހުސަކަށް ހެދުމަށްޓަކައި ބަހުސްގެ ސުވާލުތައް ތައްޔާރުކުރުމާއި، ކެންޑިޑޭޓުންނާ ގުޅުންހުރި ކަންކަމުގެ މުޢާމަލާތު ކުރުމާއެކު، ބަހުސް ހުށައަޅާނެ ފަރާތެއްވެސް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ޤައުމީ ޔުނިވަރސިޓީންނެވެ. މި ފަހަރުގެ ރިޔާސީ ބަހުސް ގެނެސްދިނުމަށް މަސައްކަތް ކުރަމުންދަނީ 3 ފިޔަވައްސަކަށެވެ. އެގޮތުން މެނިފެސްޓޯ ބަހުސްއާއި ރަނިންގ މޭޓުންގެ ބަހުސްގެ އިތުރުން ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި މި ބަހުސްތައް ބާއްވާނެ ތާރީޚު މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި އާއްމުކުރާނެކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ބާއްވާ ރިޔާސީ ބަހުސްގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ.