ޚަބަރު

ރާއްޖެހިފަން ގޮވާލި ގޮވާލުމަކީ އިންޑިއާ ސަރުކާރުގެ ވިސްނުމެއް ނޫން - އިންޑިއާ


ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލައިފިނަމަ އިންޑިއާއިން ރާއްޖެ ހިފުމަށް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސުބްރަމާނިއަމް ގޮވާލި ގޮވާލުމަކީ އޭނާގެ އަމިއްލަ ޚިޔާލުކަމަށާއި، އެއީ އެޤައުމުގެ ސަރުކާރުގެ ވިސްނުން ނޫންކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

އިންޑިއާގެ ޤާނޫނުހަދާމަޖިލީހުގެ މަތީގެ، އަދި ވެރިކަންކުރާ ޕާޓީގެ އިސް ލީޑަރެއްކަމަށްވާ ސުބްރަމާނިއަމް ސުވާމީ މިދިޔަ ބުރާސްފަތިދުވަހު ރާއްޖެއާ ގުޅޭގޮތުން ކުރި ޓްވީޓާ ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރް ނެރުއްވި 2 ޖުމްލައިގެ ކުރު ބަޔާނެއްގައި ބުނެފައިވަނީ ސުބްރަމާނިއަން ރާއްޖެ ހިފަން ގޮވާލި ގޮވާލުމަކީ އޭނާގެ އަމިއްލަ ވިސްނުން ކަމަށާއި އެއީ އިންޑިޔާގެ ވިސްނުމެއްނޫން ކަމަށެވެ.

"ޑރ. ސްބްރަމޭނިއަން ސްވާމީގެ ޓްވީޓްގައި ފާޅުކުރި ޚިޔާލަކީ އެއީ އޭނާގެ އަމިއްލަ ޚިޔާލެއް. އެއިން އިންޑިޔާ ސަރުކާރުގެ ވިސްނުމެއް ދައްކައެއްނުދޭ." ރަވީޝް ކުމާރު ނެރުއްވި ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މެމްބަރު ސުބްރަމާނިއަން ސްވާމީ ބުރާސްފަތި ދުވަހު ކުރި ޓްވީޓްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބު އޮޅުވާލައިފިނަމަ އިންޑިއާއިން ރާއްޖެ ހިފަންޖެހޭކަމަށެވެ. އޭނާގެ މި ޓްވީޓާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އޭނާ ދެއްކި ވާހަކައަކީ ދުނިޔޭގެ ޑިޕްލޮމެޓިކް އުސޫލުތަކާއި، އދ. ގެ ޗާޓަރާވެސް ޚިލާފު ވާހަކަތަކެއްކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

ސުބްރަމާނިއަން މިޓްވީޓް ކޮށްފައިވަނީ ކުރީގެ ރައީސް ނަޝީދާއިއެކު ކޮލޮމްބޯގައި ބޭއްވި ބައްދަލުވުމަކަށް ފަހު މިކަމާގުޅިގެން ރާއްޖޭގެ ނޫހެއްގައި ލިޔެފައިވާ ލިއުމެއް ޝެއަރކުރުމަށްފަހުއެވެ. ރައީސް ނަޝީދު މީގެ ކުރިންވެސް ވަނީ ރާއްޖެއަށް އިންޑިއާ ސިފައިން އެރުމަށް ގޮވާލާ ޓްވީޓްކޮށްފައެވެ.