ޚަބަރު

ދިވެހިރާއްޖެއަކީ ބީލަމަށް ލާފައިވާ ޤައުމެއް ނޫން - ކުރީގެ ސީޕީ ވަޙީދު


މި ޤައުމަކީ ބީލަމަށްލެވިފައިވާ ޤައުމެއް ނޫންކަމަށާއި، ދިވެހިންގެ މިނިވަންކަން ނިގުޅައިގަތުމަށް ގޮވާލުމަކީ ބާރަށް އަތްޖަހަންވީކަމެއް ނޫންކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސެއިން ވަޙީދު ވިދާޅުވެއްޖެއެވެ.

ޙުސައިން ވަޙީދު މިހެން ވިދާޅުވެފައިވަނީ، އިންޑިއާއިން ހަތިޔާރާއެކު އަރައި، ރާއްޖެ ހިފުމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވެރިކަންކުރާ ހިންދޫ ބީޖޭޕީ ތަމްސީލުކުރާ މެންބަރަކު ގޮވާލި ގޮވާލުމަށް ރައްދުދެއްވަމުންނެވެ.

މިކަމާގުޅޭގޮތުން ކުރީގެ ސީޕީ އަދި މިހާރު ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙުސެއިން ވަޙީދު ވިދާޅުވީ، ދިވެހިންގެ މިނިވަންކަން ނެތިގޮސްދާނެފަދަ ވާހަކަތަކާއި އަމަލުތަކަކީ ހަރުއަޑުން ކުށްވެރި ކުރަންޖެހޭ ކަންކަމެވެ. އަދި ވަކި ފަރުދަކަށްވިޔަސް، ވަކި ޖަމަޢާތެއްކަމަށްވިޔަސް ދިވެހިންގެ މިނިވަންކަމަށް އަރައިގަތުމަށް ގޮވާބަޔަކަށް ވާގިދޭން ހެޔޮވެސްނުވާނެކަމަށެވެ.

ޤައުމުގެ މިނިވަންކަމާއި، އިސްލާމްދީނާ ގުޅުންހުރި ކަންކަމަކީ ސިޔާސީ ކަންކަން ނޫންކަން ފާހަގަކުރައްވާ ޙުސެއިން ވަޙީދު ވިދާޅުވީ، ދިވެހި ފަސްގަނޑުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވާން ޖެހިއްޖެނަމަ ޤުރުބާންވާނެ ދިވެހިން އަދިވެސް މިޤައުމުގައި އެބަތިބިކަމަށެވެ. އަދި ދިވެހި ސިފައިންނާއި ދިވެހި ފުލުހުން އަބަދުވެސް ތިބޭނީ އެފަދަ ކަންކަމަށް ލޯހުޅުވައިގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް އިންޑިއާއިން އަރައިގަތުމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވެރިކަންކުރާ ހިންދޫ ބީޖޭޕީ ތަމްސީލުކުރާ ސުބްރަމާނިއަމް ސްވާމީ ގޮވާލާފައިވަނީ، ކުރީގެ ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓާ ގުޅިގެން ގިނައަދަދެއްގެ ދިވެހިންނާއި އިންޑިއާ މީހުންވެސް ދަނީ އޭނާއާއި ކުރީގެ ރައީސް ނަޝީދަށް ފާޑުކިޔައި އެކަން ކުއްވެރި ކުރަމުންނެވެ.