ރީ ރަޖިސްޓްރީ ކޮށްފައިވާ ފޯމްތަކުގެ ތެރެއިން ބާތިލްކޮށްފައިވާ ފޯމްތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި އެމްޑީޕީގެ ފޯމްތައް ނޫން ކަމަށާއި ބާތިލްކޮށްފައިވާ ފޯމްތަކުގެ ތެރޭގައި ޕީޕީއެމްގެ ގިނަ ޢަދަދެއްގެ ފޯމްތައްވެސް ހިމެނޭ ކަމަށް އެޕާޓީން ބުނެފިއެވެ.
ޕީޕީއެމްއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރީ ރަޖިސްޓްރީ ކޮށްފައިވާ ފޯމްތަކުގެ ތެރެއިން ބާތިލްކޮށްފައިވާ އެޕާޓީގެ ފޯމްތައް ރަނގަޅު ކުރުމަށް ލިބިދީފައިވާ ފުރުޞަތުގައި އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ހުރިހާ ފަރާތްތަކަކަށްވެސް ލިބިދީފައިވާ ކަމަށެވެ. އަދި ރީ ރަޖިސްޓްރޭޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން އިދިކޮޅުން ފަތުރަމުން ދަނީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް ޕީޕީއެމްއިން ނެރުނު ބަޔާނުގައިވަނީ ބުނެފައެވެ.
ޕީޕީއެމްއިން ބުނީ އަންނަ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ރަށްވެހިވެފައި ނޫން އެހެން ރަށަކަށް ވޯޓުލާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި ގިނަ ޢަދަދެއްގެ މީހުން ރަޖިސްޓްރީކޮށްފައިވާކަމަށެވެ. އަދި ރަޖިސްޓްރީ ކުރާއިރު ރަޖިސްޓްރީ ކުރަން ފުރިހަމަ ކުރާ ފޯމްގެ ސައްޙަކަށް ކަށަވަރު ކުރުމަށްޓަކައި އެމީހެއްގެ އިނގިލީގެ ނިޝާނާއި އަދި ހެކިންގެ ސޮޔާއި އެފަރާތްތަކުގެ އިނގިލީގެ ނިޝާން ޖަހާކަން ޕީޕީއެމްއިން ވަނީ ފާހަގަކޮށްފައެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ ވޯޓު ލުމަށްޓަކައި ރަޖިސްޓްރީވުމަށްފަހު އެމީހަކު އެދިފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓްރީވެފައިވާ ނަމަ އެކަން ރަނގަޅު ކުރުމުގެ ފުރުޞަތުވެސް ލިބިފައިވާ ކަމަށެވެ.
އެހެންކަމުން ކަންކަން ހިނގާފައިވާ ގޮތް ބަދަލުކޮށް ރައްޔިތުންނަށް އޮޅޭ ގޮތަށް މަޢުލޫމާތު ނުފެތުރުމަށް ޕީޕީއެމްއިން ވަނީ އިދިކޮޅު ފަރާތްތަކުގެ ކިބައިން އެދިފައެވެ. ޕީޕީއެމްއިން ބުނީ އެފަދަ ކަންކަން ހުއްޓާލައި އިންތިޚާބުގެ ރޫޙާ އެއްގޮތްވާ ގޮތުގެ މަތިން އިޙްތިރާމާއެކު ކަންކުރުމަށް އެމްޑީޕީއަށާއި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް އިލްތިމާސްކުރާ ކަމަށެވެ.