ޚަބަރު

13 ތަނެއްގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި


އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައިނުވާތީ 13 ތަނެއްގައި ވޯޓު ފޮށި ނުބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކަނޑައަޅާފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނެތުމުން ނުބަހައްޓަން ނިންމާފައިވަނީ ރާއްޖެއިން ބޭރުގައި ބަހައްޓާ 2 ފޮށްޓަކާއި ސިނާޢީ މަސައްކަތްކުރާ 2 ރަށަކާއި 9 ރިސޯޓެއްގައި ބަހައްޓަން ކުރިން ހަމަޖެހުނު ވޯޓު ފޮށިތައްކަމަށެވެ.

ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވާ ތަންތަނަކީ ރާއްޖެއިން ބޭރުން ސިންގަޕޫރާއި ނިއުދިއްލީ އާއި ސިނާޢީ މަސައްކަތްކުރާ ޅ.ފެލިވަރާއި، ލ.ކައްދޫގައެވެ. ވޯޓު ފޮށި ނުބަހައްޓަން ނިންމި ނުވަ ރިސޯޓަކީ، އަދާރަން ސިލެކްޓް ހުދު ރަންފުށީ، ވައްކަރު މޯލްޑިވްސް، އަމިއްލަފުށި އެންޑް ކޯސްޓްލައިން ރެސިޑެންސް، އެޓްމޮސްފިއަރ ކަނިފުށި މޯލްޑިވްސް، ކޮކޫން މޯލްޑިވްސް، ކޮންސްޓަންސް ހަލަވެލި ރިސޯޓް، އަމާރީ ހަވޮއްޑާ މޯލްޑިވްސް، ކަނުހުރާ އަދި ރޮބިންސަން ކްލަބް ނޫނު ރިސޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ސިންގަޕޫރުގައި ހުންނަ ފޮށްޓަށް ވޯޓުލާން ރީ-ރަޖިސްޓްރީކޮށްފައި ވަނީ 112 މީހުން ކަމަށާއި ނިއުދިއްލީގައި ހުންނަ ފޮށްޓަށް ރީ-ރަޖިސްޓްރީކޮށްފައިވަނީ 45 މީހުން ކަމަށެވެ.
އަދި ވޯޓުފޮށި ނުބަހައްޓަން ނިންމި 9 ރިސޯޓުން ރީ-ރަޖިސްޓްރީކޮށްފައިވަނީ ޖުމްލަ 22 މީހުން ކަމަށާއި ސިނާޢީ މަސައްކަތްކުރާ ފެލިވަރާއި، ކައްދޫ އިން ރީ-ރަޖިސްޓްރީކޮށްފައި ވަނީ 16 މީހުން ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.

މިވޯޓު ފޮށިތަކަށް ރީ-ރަޖިސްޓްރީވެފައިވާ މީހުން އެމީހަކު ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެންތަނެއްގައި ރީ-ރަޖިސްޓްރީ ކުރުމަށް ބޭނުންވާނަމަ، މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހާ ހަމަޔަށް ކޮންމެ ދުވަހެއްގެ ހެދުނު އަށްގަޑި ތިރީހުން ހަވީރު ހަޔަކަށް ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލާވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ރިސޯޓުތަކާއި ސިނާޢީ މަރުކަޒުތަކުގައި ވޯޓުފޮށި ބަހައްޓަނީ މަދުވެގެން 100 މީހުން އެތަނެއްގައި ވޯޓުލާން ރީ-ރަޖިސްޓްރީކުރުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ބަހައްޓާ ވޯޓު ފޮށީގެ އަދަދަކީ މިހާރު 478 ކަމަށެވެ. އެހެނަނަމަވެސް އެއަދަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެކޮމިޝަނުން ބުނެއެވެ.