ޚަބަރު

ޑރ. ޝަހީމް ހައްދުންމަތީ ކަލައިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައިފި


ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އެއަތޮޅު ކަލައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ޑރ. ޝަހީމް ކަލައިދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ކަލައިދޫއަށް ވަޑައިގެން ޑރ.ޝަހީމްވަނީ އެރަށު ބަނދަރު ސަރަހައްދުގައި ހުންނަ ޕީޕީއެއްގެ ޖަގަހައެއްގައި އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ. އަދި ޑރ. ޝަހީމް ވަނީ ކަލައިދޫގެ ގޭގެއަށް ވަކިވަކިން ޒިޔާރަތްކުރައްވާ ރައްޔިތުންގެ ޙާލުބައްލަވާ އެފަރާތްތަކުގެ އަޑު އައްސަވާފައެވެ.

މީގެ އިތުރުންވެސް ޑރ. ޝަހީމް ވަނީ އެކި އުމުރުފުރާގެ ރައްޔިތުންނާއި ވަކި ވަކިން ބައްދަލު ކުރައްވާ އެފަރާތްތަކުން އެދޭ ކަންތައްތައް އޮޅުން ފިލުއްވާފައެވެ. އެގޮތުން ދެ ޖިންސުގެ ޒުވާނުންނާއި މެދު އުމުރުގެ މީހުންގެ އިތުރުން އިސްރަށްވެހިންގެ އިހުސާސްތަކާއި ޝުޢޫރުތައް އެބޭފުޅުން އެމަނިކުފާނާ ހިއްސާކުރިއެވެ. އަދި ރައީސް ޔާމީންގެ ކުރިއަށް އޮތް ދައުރެއްގައި ކަލައިދޫ ރައްޔިތުން އެދޭފަދަ ކުރި އެރުމާއި ފާގަތިކަން ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަންވެސް ޑރ. ޝަހީމް ދެއްވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށް ރައީސް ޔާމީންގެ ރަނިން މޭޓް ޑރ. މުޙައްމަދު ޝަހީމް ހައްދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު އިސްދޫއަށް ވަޑައިގަންނަވާނެއެވެ. ރައީސް ޔާމީނަށް ތާއީދު ހޯއްދަވައިދެއްވުމަށް ޑރ. ޝަހީމް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވި ހުރިހާ ރަށަކުންވެސް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ޑރ.ޝަހީމްގެ މިދަތުރުފުޅުގައި ހައްދުންމަތީގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމްގެ ކެމްޕެއިން ޓީމުން މަޢުލޫމާތު ދެއެވެ. އަދި އެމަނިކުފާނު ވަޑައިގަންނަވާ ރަށްރަށުގައި ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން ޕީޕީއެމްގެ ކެމްޕެއިން ޖަގަހަތައް ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.