ޚަބަރު

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒް ކުރެވިއްޖެ- އެޑިއުކޭޝަން މިނިސްޓަރ


އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ އޮނިގަނޑަށް މި ސަރުކާރުން ގެންނެވި ބަދަލު ވަރަށް ކާމިޔާބު ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސް އިން ގެނެސްދޭ "ތަރައްޤީ އައު ޒަމާނަކަށް" ޕްރޮގްރާމުގައި، ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ނިޒާމް ކުރިން ބައްޓަންވެފައިއޮތްގޮތް ބަދަލުކޮށް، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެދަށުން ތަޢުލީމީ ނިޒާމުގެ އޮނިގަނޑަށް ބަދަލުގެނެސްފައިވަނީ ދަރިވަރުންގެ ބޭނުންތަކަށް ބަލައިގެންކަމަށެވެ.

އެހެންކުދިންނެކޭ ތަފާތުކުރުމެއްނެތި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ދިނުމަށް ވޭތުވެދިޔަ 4 އަހަރުތެރޭގައި ސަރުކާރުންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ ސަތޭކަދުވަހުގެތެރޭގައި، އެފަދަ ކުދިންގެ ހުރި ނުކުޅެދުންތެރިކަން ޅައުމުރުގައި ދެނެގަތުމަށް 4 ސެންޓަރު ޤާއިމުކުރެވުނުކަން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމްވަނީ ފާހަގަކުރައްވާފައެވެ. މިއީ އެފަދަ ކުދިންނަށް ދިމާވާ ދަތިތައް ދެނެގަނެ އެފަދަ ކުދިންނަށް ތަޢުލީމްދިނުމަށް ބޭނުންވާ އެހީ ދެނެގަތުމަށް ޤާއިމުކޮށްފައިވާ ސެންޓަރުތަކެކެވެ.

މިނިސްޓަރ ވިދާޅުވީ ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމް ދިނުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއްކަމަށެވެ. އެގޮތުން މި ސަރުކާރު އައިއިރު، ރާއްޖޭގައި އެފަދަ ކުދިންނަށް ތަޢުލީމްދޭ 16 ސްކޫލް ހުރިއިރު، އެފަދަކުދިންނަށް ކިޔަވަިއިދިނުމަށް ތިބީ އެންމެ 80 ޓީޗަރުންކަމަށެވެ. ނަމަވެސް މިސަރުކާރުން ކުރި މަސައްކަތުން މިހާރު ރާއްޖޭގެ ހުސިހާ ސްކޫލަކުންވެސް ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ލިބޭނެ މަގު ފަހިކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހުރިހާ ސްކޫލެއްގައި އެކަމަށް ޚާއްސަ ޓީޗަރުން ތިބިއިރު، އޭގެ ތެރެއިން %97 ޓީޗަރުންނަކީ ދިވެހި ޓީޗަރުންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ސްކޫލްތަކުގައި ޚާއްޗަ އެހީއަށް ބޭނުންވާ ތިންހާހަށްވުރެ ގިނަ ކުދިން ދަނީ ތަޢުލީމު ޙާސިލްކުރަމުންނެވެ.

"މި ސެންޓަރުތަކުން ފެނުމުގެ ދަތިކަމާއި، އަޑުއެހުމުގެ ދަތިކަން ހުރި މިންވަރުތައް ދެނެގަނެ ކުދިންނަށް އެހީދެމުންދޭ. އެގޮތުން މިހާރު ރާއްޖޭގައި ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަންދޭ 39ސެންޓަރު އެބަހުރި" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ތަޢުލީމީ ނިޒާމުގެތެރެއިން ކުއްޖާގެ އުމުރުން 4 އަހަރުންފެށިގެން 18 އަހަރާ ހަމައަށް ހިލޭ ތަޢުލީމު ފަށާފައިވާއިރު، ޚާއްސައެހީއަށް ބޭނުންވާ ކުުދިންނަށްވެސް މި ފުރުޞަތުތައް ހަމަހަމަކޮށް ފަހިކޮށްދީފައިވާކަމަށެވެ. އެގޮތުން ސްކޫލާއި ޓީޗަރުންގެ އެހީއާއިއެކު، އޯލެވެލް އިމްތިހާނުގައި މިފަދަ ކުދިން ހޯދަމުންދާ އާދަޔާޚިލާފު ނަތީޖާތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ސްކޫލްތަކުގައި ހިންގާ އެެހެނިހެން ހަރަކާތްތަކުގައިވެސް އެހެން ކުދިންނޭ އެއްގޮތަށް އެފަދަ ކުދިންނަށް ފުރުސަތުދެމުންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"ފަރުކޮއި ޕްރޮގްރާމަކީވެސް މިފަދަ ކުދިން ބައިވެރިކޮށްގެން ކުރިއަށްދާ ޕްރޮގްރާމެއް. އެގޮތުން މިސާލަކަށް އަޑުއެހުމަށް ހިއަރިންގ އެއިޑް ބޭނުންވާ ކުދިންނަށް މޫދަށް ނޭރެވޭނަމަ، ސަބްމެރިންގައިވެސް އެފަދަކުދިންނަށް ފަރުދައްކާލުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުންވެސް މިފަދަކުދިންނަށް މަސައްކަތުގެ ތަމްރީން ފަހިކޮށްދީ، ސަރުކާރުގެ މުޢައްސަސާތަކުން ވަޒީފާގެ ފުރުޞަތު ފަހިކޮށްދެމުންދާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ މިފަދަކުދިންނަކީވެސް މުޖުތަމަޢަށް މުހިންމު ކުދިންތަކަކަށް ހަދައި، އެކުދިންނަކީ ޤައުމު ބިނާކުރުމަށް މުހިންމު ރޯލެއްއަދާކުރަމުންދާ ކުދިންކަން ހާމަކޮށްދެމުންދާކަމަށެވެ.