ޚަބަރު

ސިޔާސީ ޕާޓީއެއްގައި ހުންނަވާނަމަ ހުންނަވާނީ އެމްޑީޕީގައިކަމަށް ޑރ އަފްރާޝީމް ވިދާޅުވި - އިބްރާޙިމް މުޙައްމަދު ސޯލިހް


ސިޔާސީ ޕާޓީއެއްގައި ހުންނަވާނަމަ ހުންނަވާނީ އެމްޑީޕީގައިކަމަށް، އަވަހާރަކޮށްލުމުގެ ކުރިން ޑރ. އަފްރާޝީމް ވިދާޅުވިކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ތަކުގެ ތެރެއިން މިއަދު، ޑރ އަފްރާޝީމްގެ އުފަންރަށް ރ. އުނގޫފާރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން، އިބްރާޙިމް މުޙައްމަދު ސޯލިޙް ވިދާޅުވީ، ސިޔާސީ ޕާޓީއެއްގައި ހުންނަވާނަމަ، ހުންނަވާނީ އެމްޑީޕީގައިކަމަށް ޑރ. އަފްރާޝިމް ވިދާޅުވީ އެންމެފަހުން ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

އިބްރާޙީމް މުޙައްމަދު ސޯލިޙް މިމޭރުމުން ވާހަކަދައްކާފައިވާއިރު، ޑރ. އަފްރާޝިމް މިހެން ވިދާޅުވި ކަމުގެ އެއްވެސް ހެއްކެއް އޭނާ ދައްކާފައެއް ނުވެއެވެ. މި ބައްދަލުވުމުގައި ޑރ. އަފްރާޝީމާއި ގުޅޭ ގޮތުން އިތުރު އެއްވެސް ވާހަކައެއް އިބްރާޙީމް މުޙައްމަދު ޞޯލިޙް ދައްކަވާފައެއްނުވެ އެވެ. އަދި އެންމެ ކުޑަމިނުން ޑރ. އަފްރާޝީމާއި ބައްދަލުވުވީ ކޮންތާކުން ކަމެއްވެސް އިބްރާޙީމް މުޙައްމަދު ޞޯލިޙް ވިދާޅެއްނުވެއެވެ. އެހެންކަމުން އިބްރާހީމް މުޙައްމަދު ޞޯލިޙްގެ މި ވާހަކައާއި މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެކަމަށް އެންމެ ބާރު ލިބޭ އެއް ކަމަކީ ޑރ. އަފްރާޝީމަކީ އެމަނިކުފާނު ދުނިޔޭގައި ހުންނެވިއިރުވެސް އިދިކޮޅު އެމްޑީޕީގެ ސިޔާސަތުތަކާއި އަދި އެޕާޓީގެ މެންބަރުންގެ ޢަމަލުތަކަށް ފާޅުގައި ދެކޮޅު ހައްދަވާ ވާހަކަފުޅު ދައްކަވާ ބޭފުޅަކަށްވާތީއެވެ. އަދި ދުވަހަކުވެސް އެމްޑީޕީއަށް ތާޢީދު ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ސިޔާސީ އެތައް އެއްވުންތަކެއްގައި ވިދާޅުވެފައެވެ. އަދި މީގެއިތުރުން އެމްޑީޕީއާ އޭރުގެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތައް ރޭވުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި އެއް ބޭފުޅަކީވެސް އެމަނިކުފާނުއެވެ.

"ޕީޕީއެމްއަށް ތާޢީދު ކުރައްވާ ހުރިހާ ފަރާތްތަކުންނާއި އަދި ޢާންމު މެންބަރުންވެސް ދެންމެ އެހެން ބޭފުޅުން އެ ވިދާޅުވި ފަދައިން މި މުޒާހަރާގައި ބައިވެރިވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" އެމްޑީޕީއާ ދެކޮޅަށް ރޭވި މުޒާހަރައަކާއި ގުޅޭގޮތުން ޑރ. އަފްރާޝީމް ވިދާޅުވިއެވެ.

"ދީނީ ދަރުސްތައް ދޭ މީހުންނަށް ކިތަންމެ ބިރު ދައްކަން އުޅުނު ކަމަށްވީ ނަމަވެސް ޙަޤީގަތުގައި ބިރު ގަންނާނީ ފަސް ޖެހެންޖެހޭނީ ރައީސް ނަޝީދު،" ޑރ. އަފްރާޝީމް ރައީސް ނަޝީދާއި ގުޅޭ ގޮތުން ވިދާޅުވިއެވެ.

މިއަދު އުނގޫފާރު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އިބްރާހިމް މުޙައްމަދު ސޯލިޙްވަނީ ޑރ. އަފްރާޝިމްގެ މަރުގެ މައްސަލަ ތަޙްޤީގް ކުރަންމުންނުދާކަމަށް ވިދާޅުވެ އެކަމަށްވެސް އިތުރުފުޅު ހައްދަވާފައެވެ. އެގޮތުން މިހާރުވެސް ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަޙްޤީގްތައް ފުލުހުން ދަނީ ކުރަމުންނެވެ. އަދި އެ މައްސަލައާ ގުޅުންހުރި ފަރާތްތައް ފުލުހުންގެ ބެލުމުގެދަށުގައި ތިބިކަން ފާހަގަކޮށްލެވެއެވެ.